LOADING CLOSE

މިޞްރުގައި އޮންނަ ޤުރުއާން މުބާރާތަށް އާލާ ޢަޡްމަތު ޖަމީލު

 

މިޞްރު/ ޤާހިރާގައި މިއަހަރު ފެބްރުވަރީ 8 ން 13 ށް ބޭއްވުމަށް ހަމަޖެހިފައިވާ “27 ވަނަ އިންޓަރނޭޝަނަލް ކޮންޓެސްޓެ ފޮރ ރިސައިޓަރސް އޮފް ދަ ހޮލީޤުރުއާން” މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވާ ދަޢުވަތުގައި ފޮނުވާނެ ދަރިވަރެއްގެ ގޮތުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރެއް ކަމުގައިވާ އަލްޙާފިޡާ އާލާ ޢަޡްމަތު ޖަމީލު ހޮވިއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވެރެއްކަމުގައިވާ އާލާ ހާފިޘްކަމުގެ ސަނަދު ހާޞިލްކޮށްފައިވަނީ 2016 ވަނަ އަހަރު ކީރިތި ޤުރުއާނާއިބެހޭ ޤައުމީ މަރުކަޒުންނެވެ. އަދި ޝަހާދަ ޘާނަވިއްޔާ ހާސިލްކޮށްފައިވަނީ ޢަރަބިއްޔާ ސުކޫލުންނެވެ. އަލް ހާފިޘާ އާލާ ވަނީ  2017 ވަނަ އަހަރު މެލޭޝިއާގައި ބޭއްވުނު 59 ވަނަ އިންޓަރނޭޝަނަލް އަލްޤުރްއާންރިސައިޓަލް އެންޑް މެމޮރައިޒިންގ އެސެމްބްލީ މުބާރާތުގެ އިތުރުން 2017 ވަނަ އަހަރު ޑުބާއީ ގައި ބޭއްވުނު ޝައިޚާ ފާޠިމާ ބިންތި މުބާރަކު ބައިނަލް އަޤްވާމީ 2ވަނަ ޤުރްއާން މުބާރާތުގައިވެސް ބައިވެރިވެ ޤުރުއާން ކިޔަވާފައެވެ.

މިމުބާރާތުގައި ހިމެނޭ ގޮފިތަކުގެ ތެރެއިން ކޮންމެވެސް އެއްގޮތްޕެއްގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުޞަތު ލިބިފައިވަނީ 1 ކެންޑިޑޭޓަކަށެވެ. މިގޮތުން މި މުބާރާތުގައި ރާއްޖެއިން އާލާ ބައިވެރިވާނީ ތަޖުވީދުގެ ހަމަތަކާއެކު މުޅި ޤުރްއާން ހިތުދަސް ބައިންނެވެ. ދުނިޔޭގެ 70 ވަރަކަށް ގައުމުތަކުން ބައިވެރިވާ  މިމުބާރާތަކީ ، ކޮންމެ އަހަރަކުވެސް މިސްރުގެ މިނިސްޓްރީ އޮފް އައުޤާފުން އިންތިޒާމު ކުރާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ކެންޑިޑޭޓުގެ ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ދިނުމަށް ހަމޖެހިފައިވަނީ މިޞްރު ސަރުކާރުންނެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރި މަރިޔަމް މާހް ހަމީދު އާއި އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި

ކީރިތި ޤުރުއާން ހިތުދަސްކުރި މަރިޔަމް މާހް ހަމީދު އާއި އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވާ ހިތްވަރުދެއްވައިފި

ޚާއްސައެހީއަށް ބޭނުންވާ އުމުރުން 21 އަހަރުގެ މަރިޔަމް މާހް ހަމީދު  ޤުރްއާން ހިތުދަސްކޮށްފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ، ބައްދަލުކުރައްވާ ހިތްވަރުދެއްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މަރްޔަމް ވަރަށް ބޮޑަށް ހިތްވަރުދެއްވާ މިކަމަށް މަރުޙަބާ ދެންނެވިއެވެ. އަދި މިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓަރ ވަނީ މަރްޔަމްއަށް ހަދިޔާވެސް ދެއްވާފައެވެ. މަރްޔަމް އާއި މަރްޔަމްގެ މަންމައާއި ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން ޚާއްސައެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހަގޮތްތައް ހަމަޖައްސައިދީ ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ލިބޭނެގޮތްތައް ފަހިކުރެއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅިވިއެވެ. ހަމައެހެންމެ ޤުރުއާން ހިތުދަސްކުރުމަށްފަހު އަބަދުވެސް މުރާޖަޢާ ކުރަންޖެހޭނެ ކަމަށާއި، އެކަން އަބަދުވެސްކުރުމަށް މަރްޔަމްއަށް ނަޞޭހަތްތެރިވިއެވެ. އަދި ޤުރުއާން ހިތުދަސްކުރުމަކީ މިނިސްޓަރ ވަރަށް އުފާކުރައްވާ ކަމެއްކަމަށްވެސްވަނީ ވިދާޅުވެފައެވެ.

މަރްޔަމްގެ މަންމަ ފާހަގަކުރެއްވިގޮތުގައި، އެންމެ ތުއްތު ދުވަސްވަރުގައި މަރްޔަމް ރަނގަޅަށް ވާހަކަދައްކަން ފެށުމުގެ ކުރިން ޤުރުއާން ކިޔަވަންވަނީ ފަށާފައެވެ. ޤުރުއާން ހިތުދަސްކުރުމަށް އެކި ބޭފުޅުންނަށް އެކި ގޮތަށް މަސައްކަތްކުރައްވާއިރު މަރްޔަމް ޤުރުއާން ހިތުދަސްކުރުމަށް ފަސޭހަވީ ލިޔެގެންނެވެ. މިގޮތުން މުޅި ޤުރުއާން އެއްކޮށް އަމިއްލަ އަތުން 5 ފަހަރު މަރްޔަމްވަނީ ލިޔެފައެވެ. ޅ.ނައިފަރަށް އުފަން މަރްޔަމް މާހް ހަމީދު ވަޒީފާ އަދާކުރަމުން އަންނަނީ މޯލްޑިވިއަންގެ އެޗް.އާރް ކޯޑިނޭޓަރެއްގެ ގޮތުގައެވެ.