މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ތާރީޚް


ރާއްޖެ އިސްލާމްވުމާއި އިސްލާމީ ވެރިކަން ހިންގުން

މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގެ ނޫރުގެ އަލިކަން ދިވެހިރާއްޖެއަށް ލިބުނީ ހިޖުރީގޮތުން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރް މަހުގެ ތެރޭގައެވެ. އެއީ މީލާދީ ގޮތުން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެހާހިސާބުން ފެށިގެން ހިޖުރީ ގޮތުން މިވީ 890 އަހަރު އިސްލާމީ ޝިޢާރު ފާޅުކުރުމާއި، އިސްލާމް ދީނުގެ ކަންތައްތައް ހިންގުމުގެ ނިޒާމެއް ރާއްޖޭގައި  ޤާއިމުވެފައި އޮތްކަން ތާރީޚީ ގޮތުން ސާބިތުވެއެވެ. ރާއްޖޭގެ ކީރިތި މަހާރަދުންގެ ބެއްލެވުމުގެ ދަށުން، މިކަންކަން ހިންގެވުމަށް އިސްވެ ހުންނަވާ ބޭކަލަކީ ފަނޑިޔާރު ބޭކަލެކެވެ. އެބޭކަލަކީ ދީނީ ޝިޢާރު ފާޅުކުރުމާއި، އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެއިސް މަޤާމް އަދާ ކުރެއްވި ފަރާތެވެ. ރާއްޖެ އިސްލާމްވުމާއި ހަމައިން، ނަމާދު ޤާއިމް ކުރުމާއި، ހުކުރު ކުރުމާއި، ޒަކާތް ދިނުމާއި، ރަމާޟާން މަހު ރޯދަ ހިފުމާއި އަދި ޙައްޖުވުމާއި، މިނޫން ވެސް ދީނުގެ ފަރުޟުތަކާއި ރުކުންތައް ދިވެހި މުސްލިމްތަކުން އަދާ ކުރާނެ ގޮތްތަކުގެ ޙުކުމްތަކާއި، ދަރުސްތަކާއި އިރުޝާދުތައް ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާފައިވެއެވެ. މިގޮތުން ޚަޠީބުންނާއި، މަލިމުންނާއި، ނައިބުންނާއި، މުދިމުންނަށް އިސްލާމް ދީނުގެ ކަންކަން ކުރައްވާނެ ގޮތްތަކުގެ ޙުކުމްތަކާއި އަމުރުތައް އުއްތަމަ ފަނޑިޔާރު ބޭކަލަކު އަންގަވަމުން ގެންދަވާފައިވެއެވެ.

 

ވިހިވަނަ ޤަރުނު

ފަހުގެ ތާރީޚަށް ބަލާއިރު 1920 ގެ އަހަރުތަކުގައި މަހުކަމަތުއް ޝަރްޢިއްޔާގެ ނަމުގައި އުފެދުނު އިދާރާއަކީ ފަނޑިޔާރު ބޭކަލެއްގެ މަސްއޫލިއްޔަތުތަކުގެ ކަންތައްތައް ހިންގަވާފައިވާ މަހުކަމާ ކަމުގައި ވާތީ، އެ މަޙްކަމާއަކީ އިސްލާމް ދީނުގެ ކަންތައްތައް އިދާރީ ގޮތުން ހިންގެވި މަޙްކަމާ ކަމަށް ބަލަން ޖެހެއެވެ. އެމަޙްކަމާގެ ވެރިއެއްގެ ގޮތުން ހުންނެވީ އޭރުގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ.

22 ޑިސެމްބަރު 1932 ގައި، ޤާނޫނު އަސާސީއެއްގެ ދަށުން ދިވެހި ދައުލަތުގެ ކަންކަން އިންތިޒާމް ކުރެވި ހިންގަން ފެށުމާއިއެކު، އެދުވަހު އުފެދުނު ޤާނޫނީ ސަރުކާރުގެ (ލިޔެވިފައިވާ ޤާނޫނު އަސާސީ އެއްގެ ދަށުން ރާއްޖޭގައި ހިންގަން ފެށުނު ފުރަތަމަ ސަރުކާރުގެ) 11 ވުޒާރާގެ ތެރޭގައި ދެ ވުޒާރާއަކުން އިސްލާމް ދީނުގެ ކަންތައްތައް ބެލެހެއްޓެވިކަން ފާހަގަ ކުރެވެއެވެ. އެއީ “ވުޒާރަތުލް ޙައްޤާނިއްޔާ” އާއި، “ވުޒާރަތުލް އައުޤާފް” އެވެ. ވުޒާރަތުލް ޙައްޤާނިއްޔާއިން ދީނީ ޝިޢާރު ފާޅު ކުރުމުގެ ކަންތައްތައް ބަލަހައްޓާފައިވެއެވެ. އެ ވުޒާރާގެ ވަޒީރަކަށް ހުންނެވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. ވުޒާރަތުލް އައުޤާފް އިން ބެލެހެއްޓެވީ މިސްކިތްތަކާއި އިމާމުންނާއި ހުކުރު ކުރުމާއި ޤަބުރުސްތާންތަކާއި ވަޤުފް ބިންތަކެވެ. އެ ވުޒާރާގެ ވަޒީރަކަށް ހުންނެވީ އެއްގަމުގޭ އިބްރާހީމް އަލީ ދީދީއެވެ. ( އަލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނެވެ. ) އޭގެފަހުން ވަޒީރުލްއައުޤާފްކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ ހިމެނިވަޑައިގަންނަވައެވެ. 29 އޮކްޓޯބަރު 1962 ގައި އެމަނިކުފާނު އަވަހާރަވީ އިރުވެސް ހުންނެވީ އެމަޤާމުގައެވެ. އެހާހިސާބުން އެ ވުޒާރާ އުވިގެން ދިޔައީއެވެ.

އޭގެ ފަހުން އައުޤާފްގެ މަސްއޫލިއްޔަތުތައް މާލީ ވުޒާރާއިންވެސް އަދާ ކުރައްވާފައިވެއެވެ. އަދި ދީނީ ޝިޢާރު ފާޅު ކުރުމުގެ ކަންތައްތައް އެދުވަސްވަރުވެސް އަދާ ކުރެއްވި އުއްތަމަ ފަނޑިޔާރެވެ.

 

ދީނީ ޝީޢާރު ފާޅު ކުރެއްވުމުގެ އެންމެމަތީ ވެރިއަކީ ރައީސުމްހޫރިއްޔާ ކަމުގައި ހަމަޖެއްސެވުން

11 ނޮވެމްބަރު 1968 ގެ ޤާނޫނު އަސާސީގައި ބަޔާން ވެގެން ވަނީ ދީނީ ޝީޢާރު ފާޅު ކުރެއްވުމުގެ އެންމެމަތީ ވެރިއަކީ ރައީސުމްހޫރިއްޔާ ކަމުގައެވެ. އެހެންކަމުން، 11 ނޮވެމްބަރު 1968 ރާއްޖޭގައި ޤާއިމްވި ދެވަނަ ޖުމްހޫރިއްޔާ ( ހިނގަމުން މިދާ ޖުމްހޫރިއްޔާ ) އާ އެކު ދީނީ ޝިއާރު ފާޅު ކުރެއްވުމުގެ ބާރު މިހާރު މިއޮތްގޮތަށް ބަދަލު ވެގެން އައީ އެވެ. 11 ނޮވެމްބަރު 1968 ގައި ޤާއިމް ކުރެވުނު ސަރުކާރުގެ މިނިސްޓަރ އޮފް ޖަސްޓިސްއަކީ ފަޟީލަތުއްޝައިޚް މޫސާ ފަތުޙީ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ދީނީ ޝިއާރު ފާޅު ކުރެއްވުމުގެ ކަންތައްތައް އޭރު ހިންގެވީ އެމަނިކުފާނެވެ. 1982 ގައި ޑިޕާރޓްމަންޓް އޮފް ރިލިޖަސް އެފެއާރޒް ގެ ނަމުގައި ދީނީ ކަންތައްތައް ހިންގުމަށް ޚާއްޞަ ޑިޕާރޓްމަންޓެއް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވިއެވެ. އެހާ ހިސާބުން ފެށިގެން ރާއްޖޭގެ އިސްލާމީ ކަންތައްތައް ހިންގަވަމުން ގެންދެވީ އެ އިދާރާއިންނެވެ. އެ އިދާރާ ފުރަތަމަ ހިންގެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ރިލިޖަސް އެފެއާރޒް ފަޟީލަތުއްޝައިޚް އަޙްމަދު ޝާތިރެވެ. 11 ނޮވެމްބަރު 1993 ގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒްގެ ނަމުގައި މިނިސްޓްރީ އެއް އުފެދުނެވެ. ވީމާ، އިސްލާމިކް އެފެއާރޒްގެ ނަމުގައި މިނިސްޓްރީ އެއް އުފެދުނުކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެމިނިސްޓްރީގެ މިނިސްޓަރަކީ ފަޟީލަތުއްޝައިޚުލް އުސްތާޛް މުޙައްމަދު ރަޝީދު އިބްރާހީމެވެ. އޭގެފަހުން މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒް އިން އިސްލާމިކް އެފެއާރޒް އެ ނަން އުނި ކުރެވި 6 ނޮވެމްބަރު 1996 ގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖްލިސް އުފެދުނެވެ. އެ މަޖިލިހުގެ ފުރަތަމަ ރައީސަކީ ފަޟީލަތުއްޝައިޚް މޫސާ ފަތުޙީއެވެ. އޭގެ ފަހުން އެމަޖިލިހުގެ ރައީސަކީ ފަޟީލަތުއްޝައިޚުލް އުސްތާޛް މުޙައްމަދު ރަޝީދު އިބްރާހީމެވެ.

11 ނޮވެމްބަރ 2008 އިން ފެށިގެން މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްގެ މަޤާމް އަދާކުރެއްވީ ޑޮކްޓަރ ޢަބްދުލްމަޖީދް ޢަބުލްބާރީ އެވެ. އަދި އޭގެ ފަހުން އެމަގާމް އަދާކުރެއްވީ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި 6 މެއި 2015 އިން ފެށިގެން މިހާރު މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްގެ މަޤާމް ފުރުއްވަމުން ގެންދަވަނީ ޑޮކްޓަރ އަޙްމަދު ޒިޔާދުއެވެ.