ރ.އުނގޫފާރުގައި އިސްލާމީ މަރުކަޒެއް ޢިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ ޚާއްޞަ އިސްނެންގެވުމުގެ ދަށުން، މަރްޙޫމް ޑރ. އަފްރާޝީމް ގެ ހަނދާނުގައި ރ.އުނގޫފާރުގައި ބިނާކުރާ އިސްލާމީ މަރުކަޒު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓްރީ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދެވެ. އަދި މި މަރުކަޒު ޢިމާރާތްކުރާ އެސް.ޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝާހިދެވެ

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންގެ އިތުރުން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީސް އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި، އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު އަލްފާޟިލް ޖަޢުފަރު ދާވޫދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ދެއްކެވި ވާހަކަފުޅުގައި، އުނގޫފާރުގައި ބިނާކުރެވިގެންމިދާ އިސްލާމީ މަރުކަޒަކީ ރާއްޖޭގައި ބިނާކުރެވޭ 3 ވަނަ އިސްލާމީ މަރުކަޒުކަމަށާއި އުތުރުގައި ބިނާކުރެވޭ މިފަދަ ފުރަތަމަ މަރިކަޒުކަމަށް ވިދާޅުވިއެވެ. އަދިހަމައެހެންމެ، މި  މަރުކަޒަކީ ނަމާދު ކުރުމުގެ އިތުރުން ދީނީ އެހެނިހެން ބޭނުންތަކަށްވެސް ބޭނުންކުރެވޭނެ ތަނެއްކަމަށާއި، އެސަބަބަށްޓަކައި މި މަރުކަޒު ވެގެންދާނީ އުތުރުގެ އިސްލާމީ ނޫރަކަށްކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ މަރުކަޒެއް ބިނާކުރެއްވުމަށް އިސްނެންގެވިކަމަށްޓަކައި ރ އަތޮޅުގެ އެންމެހާ ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަނަންފުޅުގައި މިއަދު ރައީސް ޔާމީނަށް ޝުކުރު ދަންނަވާކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ޑިފެންސް އާދަމް ޝަރީފް ވިދާޅުވިގޮތުގައި، މިއަދަކީ އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ދުވަހެކެވެ. މިބިނާ އެބޭފުޅެއްގެ ހަނދާނުގައި ބިނާކުރެވޭ އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީ އަކީ ތަޢްލީމީ ދައުރުން ފެށިގެން އެމަނިކުފާނުގެ ވަރަށްގާތް ބޭފުޅެއްކަމަށާއި، އެންމެފަހު ވަގުތާ ޖެހެންދެންވެސް ވަރަށްގާތަކަން ބޭއްވެވި ބޭފުޅެއްކަމަށެވެ. އެހެންކަމުން، އުނގޫފާރު ރައްޔިތުންނަށާއި މަރްޙޫމް އަފްރާޝީމްގެ ޢާއިލާއަށް މިދުވަސް ޚާއްޞަވާވަރަށް އެމަނިކުފާނަށްވެސް މިދުވަސް ޚާއްޞަކަމަށް ވިދާޅުވިއެވެ

މިނިސްޓަރ އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، މި މަރުކަޒު އިސްލާމީ ހައިބަތު ދައްކުވައިދޭ ތަނެއްގެ ގޮތުގައި އަވަހަށް ޢިމާރާތްވެ ނިމިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، މި މަރުކަޒު ވެގެންދާނީ ރާއްޖޭގެ އިސްލާމީ ވަޙްދަތު ރަމްޒުކޮށްދޭ ތަނަކަކަށްކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޖަޢުފަރު ދާވޫދު ދެއްކެވި ވާހަކަފުޅުގައި، ރައީސް ޔާމިން 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އުނގޫފާރުގައި މިފަދަ މަރުކަޒެއް ބިނާކޮށްދެއްވާނެކަމަށް ވިދާޅުވި ވިދާޅުވުން މިއަދު ޙަޤީޤަތަކަށްވެގެންދާތީ އެކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާކަމަށް ވިދާޅުވިއެވެ. އަދި މިމަސައްކަތް ރ އަތޮޅުގެ އެންމެހާ ރައްޔިތުން އުފަލާއެކީ ބަލައިގަންނާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ވިދާޅުވިއެވެ.

އުނގޫފާރުގައި ބިނާކުރާ އިސްލާމީ މަރުކަޒަކީ، އެއްފަހަރާ 1000 މީހުންނަށް ނަމާދު ކުރެވޭވަރުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ. މީގެ އިތުރުން ލައިބްރަރީ އަކާ ކްލާސް ރޫމްތައްވެސް ހިމެނޭ ގޮތަށް ޢިމާރާތްކުރާ މި މަރުކަޒަށް ސަރުކާރުން 24.9 މިލިއަން ރުފިޔާ ޚަރަދު ކުރާނެއެވެ. ޢިމާރާތްކުރަން ފަށާ ތާރީޚުން ފެށިގެން 510 ދުވަސްތެރޭ ނިންމަން އެއްބަސްވެފައިވާ މި މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރަށް ޢިމާރާތްކުރެވޭ ހިތްގައިމު ބިނާއަކަށްވެގެންދާނެއެވެ.