ވަޒީރުން


ޑރ. އަޙްމަދު ޒިޔާދު

06 މެއި 2015 - 16 ނޮވެންބަރު 2018

ތަޢުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވާފައިވާ ޑރ.އަޙްމަދު ޒިޔާދު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އަލް-މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޕްރިންސިޕަލްގެ މަގާމުގައެވެ. އެމަނިކުފާނު ޕީ.އެޗް.ޑީ ހާސިލްކުރައްވާފައިވަނީ މެލޭޝިޔާގެ، ޔުނިވަރސިޓީ އޮފް މަލާޔާއިން ޕީ.އެޗް.ޑީ އިން މެތޮޑޮލޮޖީ އޮފް އިސްލާމިކް ޝާރީޢާ އިންނެވެ.

2012 ވަނަ އަހަރުން 2013 އަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓި އޮފް ޝަރީޢާ އެންޑް ލޯ ގެ ސީނިއަރ ލެކްޗަރަރކަން ކުރައްވާފައިވާ ޑރ. އަޙްމަދު ޒިޔާދު ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސްގެ ފެކަލްޓި އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީން ކަން ކުރައްވާފައެވެ. އެމަނިފާނަކީ 2015 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް ޖިއްދާގައި ހުންނަ އިސްލާމިކް ޑިވެޕްލޮޕްމަންޓް ބޭންކަށް ރާއްޖޭގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަ ގަވަރނަރ އެވެ.

ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލާއި، ނޭޝަނަލް ހަޔަރ އެޑިއުކޭޝަން ކައުންސިލްގެވެސް މެމްބަރުކަން ކުރައްވަމުންގެންދަވާ ޑރ. އަޙްމަދު ޒިޔާދު އަށް ވަނީ 2014 މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ފަރާތުން ދެއްވާ “އެވޯރޑް ފޮރ އިސްލާމިކް ސްކޮލަރ” ލިބިވަޑައިގެންފައެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލި ސައީދް

2015-2012

ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް އިސްލާމިކް ސަޓްޑީސް އުފެއްދެވުމުގައި އިސްދައުރެއް އަދާކުރެއްވުމުގެ އިތުރުން އެ ފެކަލްޓީގެ ޑީން ގެ މަޤާމް 2011 އިން 2012 އަށް ފުރުއްވާފައިވާ ޑރ. މުޙައްމަދު ޝަހީމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައެެވެ. އެމަނިކުފާނަކީ 2016 ވަނަ އަހަރުން ފެށިގެން އެޔުނިވަރސިޓީގެ  ޗާންސެލަރއެވެ.

އެމަނިކުފާނު މަތީ ތަޢުލީމު ހާސިލްކުރައްވާފައިވަނީ މެލޭޝީޔާގެ އިސްލާމިކް ޔުނިވަރިސިޓީ އިންނެވެ. ޑޮކްޓަރ އޮފް ފިލޯސޮފީ އިން ފިޤްހު އެންޑް އުސޫލުލް ފިޤްހު ފުރިހަމަކުރައްވާފައިވާ ޑރ. މުޙައްމަދު ޝަހީމް 2008 އިން 2010 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ، ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައެވެ. މީގެ އިތުރުން 2009 އިން 2011 އަށް އިސްލާމިކް ފިޤްހު އެކަޑަމީގެ މެމްބަރުކަން ކުރައްވާފައިވެއެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

2012-2009

ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޕީ.އެޗް.ޑީ ހާސިލް ކުރެއްވީ 1999 ވަނަ އަހަރު ތަފްސީރު”އިންޓަރޕްރިޓޭޝަން އޮފް ޤްރުއާން”، އުލޫމުލް ޤުރުއާން، މިދާއިރާއިން މަދީނާއިންނެވެ. 2008 ވަނަ އަހަރުން 2011 އަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމު ފުރުއްވާފައިވާ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2006ވަނަ އަހަރުގެ ނިޔަލަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ މުދީރުކަން ކުރައްވާފައެވެ.

އެމަނިކުފާނަކީ ޢަދާލަތު ޕާޓީގެ ފައުންޑަރ މެމްބަރެއްގެ އިތުރުން އެ ޕާޓީގެ ފުރަތަމަ ވަގުތީ ރައީސްވެސް މެއެެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފުރަތަމަ ރައީސްކަން ކުރައްވާފައެވެ.

އައްޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމް

1996-1993

އައްޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމް މާސްޓަރސް އިން ފިޤްހް އަލް-މުގަރަނި ހާސިލްކުރެއްވީ ކައިރޯގެ އަލް-އަޒްހަރު ޔުނިވަރސިޓީ އިންނެވެ. 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެމަނިފާނު ހުންނެވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒްގެ މަޤާމުގައެވެ.

ރަޢީސުލް ޖުމްހޫރިއްޔާގެ އެޑްވައިޒަރގެ މަގާމާއި،  ސުޕްރީމް ކައުންސިލް އޮފް އިސްލާމިކް އެފެއަރޒްގެ ރައީސް ކަމާއި، އުއްތަމަ ފަޑިޔާރު ކަމާއި، ރައްޔިތުންގެ މަޖްލީހުގެ މެންބަރުކަމާއި، މިނިސްޓަރ އޮފް ޖަސްޓިސްގެ މަގާމު ފުރުއްވާފައިވާ އައްޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމް އަކީ 2013 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އިސްލާމިކް ފިޤުހު އެކަޑަމީގެ ރައީސްއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ 1988 އިން 1989 އަށް ރައްޔިތުންގެ ޙާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. އަދި 1988 އިން 1989 އަށް ޖަސްޓިސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ސަޢުދީ އަރަބިއްޔާ އަދި ދިވެހި ރާއްޖޭގެ އެކިއެކި އިލްމީ މުއައްސަސާތަކުގައި ލެކްޗަރަރކަން ކުރައްވާފައެވެ.