ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ދީނީ ސިޔާސަތުގެ ދަށުން، ކުރުމަށް ހަމަޖެހިފައިވާ ހުރިހާ ކަމެއްވެސް މިހާރު ފެށިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދީނީ ސިޔާސަތުގެ ތެރެއިން ނުފެށޭ އެއްވެސް ކަމެއް މިހާރު ނުހުންނާނެކަމަށެވެ. އެގޮތުން ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފައްދަވާ ޒަކާތު ހައުސްގެ މަސައްކަތް ވަރަށް ފުޅާކޮށް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވައުދުތަކުގެ ތެރޭގައި ހިމެނޭކަންކަމުގެ ތެރެއިން 1000 ފަޤީރުން ޙައްޖަށް ފޮނުވުމުގެ ކަންކަންވެސް މިއަހަރުގެ ޙައްޖު މޫސުމުގައި ފެށިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިއަހަރު 50 ފަޤީރުން ޙައްޖަށް ފޮނުވިފައިވާކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައިވެސް މިކަން ކުރިއަށްދާނެކަމަށެވެ.
މީގެ އިތުރުން މިސްކިތްތަކުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލިސް އުފެއްދުމާއި، މިސްކިތްތައް މަރާމާތުކުރުމަށް ދައުލަތުން ކުރިއަށްވުރެ ތިން ގުނަ އިތުރަށް ޚަރަދުކުރަން ފެށިފައިވާކަަމަށާއި، މިސްކިތްތަކުގެ ކަންކަން ގާތުން ބެލުމަށް މިސްކިތްތަކާއި ބެހޭ ޕޯޓަލްވެސް އުފެއްދިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.