އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުރިހާ އިމާމުން ތާޒާކޮށް ނިންމުން – ވަޒީރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުރިހާ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމު ފުރިހަމަ ކުރުންކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

6 އަތޮޅެއްގެ އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގުރާމް ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އިމާމުންނަށް ޢިލްމީ ގޮތުން އެކި ފުރުސަތުތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށާއި، މި 6 އަތޮޅުގެ އިމާމުން މި ޕްރޮގުރާމު ފުރިހަމަ ކުރުމުން ތާޒާ ކުރުމުގެ ޕްރޮގުރާމު ފުރިހަމަކުރި އިމާމުންގެ އަދަދު 450 އަށް އަރާނެކަމަށެވެ. މީގެ އިތުރުން އަމާޒު ހިފާފައިވަނީ މިއަހަރުގެ ނިޔަލަށް 700 އަށްވުރެ ގިނަ އިމާމުން ތާޒާކޮށް ނިންމުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިހާރު ކުރިއަށްދާ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމަކީ މީގެ ކުރިން ކުރިއަށް ގެންދިޔަ މިފަދަ ޕްރޮގުރާމުތަކުގެ އަލީގައި ގިނަ ކަންކަން ރަނގަޅުކޮށް، އިމާމުންނަށް އިތުރު އެތައް ޢިލްމެއް ލިބިލައްވާނެެހެން ފަރުމާކުރެވިފައިވާ ޕްރޮގުރާމެއްކަމަށާއި، މި ޕްރޮގުރާމުގެ ބޭނުން ވީހާވެސް ރަނގަޅަށް ހިއްޕެވުމަށް އިމާމުންނަށް އިލްތިމާސްކުރައްވާކަމަށެވެ.

މިހާރު ކުރިއަށްދާ ޕްރޮގުރާމުގައި ބައިވެރިކޮށްފައިވަނީ މިލަދުންމަޑުލު ދެކުނުބުރިއާއި މާޅޮސްމަޑުލު އުތުރުބުރިއާއި ނިލަންދެއަތޮޅު އުތުރުބުރިއާއި އެ އަތޮޅު ދެކުނުބުރިއާއި ކޮޅުމަޑުލާއި ހައްދުންމަތީ އިމާމުންނެވެ. މި ހަ އަތޮޅުން ޖުމްލަ 272 އިމާމުން މި ޕްރޮގުރާމުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ