ކައިވެންޏާއި އާޢިލީ ގުޅުންތަކަށް އާއްމުން ހޭލުންތެރިކުުރުމަށް ސިލްސިލާކޮށް ކުރިއަށް ގެންދަން ފަށާފައިވާ 'މަވައްދަތު’ގެ ދެވަނަ ފޯރަމް ހުކުރު ދުވަހުގެ ރޭ ބާއްވައިފިއެވެ.
'މަވައްދަތު' ފޯރަމްއަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓު ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ފޯރަމްއެކެވެ. މި ފޯރަމްގައި މިރޭ މަޢުލޫމާތު ދެއްވުމަށް ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރިޢާ އެންޑް ލޯގެ ސީނިއަރ ލެޗްކަރަރ އައްޝައިޚް އަޙްމަދު ސަމީރުގެ އިތުރުން ފެމިލީ ކޯޓުގެ ކައިވެންޏާއި ވަރި ރަޖިސްޓްރީ ކުރާ ސެކްޝަންގެ ލީގަލް އޮފިސަރ އަލްއުސްތާޛް އަބޫބަކުރު ޖައުޙަރީއެވެ.
މި ފޯރަމްގެ މަޢުޟޫއުއަކަށް ކަނޑައަޅާފައިވަނީ "ކައިވެންޏަށް ތައްޔާރުވުން" މި މަޢުޟޫއުއެވެ. މިރޭގެ ފޯރަމްގައި ވަނީ ކައިވެންޏަށް ތައްޔާރުވުމާއި ގުޅޭ މުހިއްމު ކަންކަންކަމުގައިވާ ޚިޠުބާ ކުރުމާއި، ކައިވެނީގެ އަޤުދާއި، ވަލީމާއާއި ގުޅޭ ގޮތުން ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން އެނގެން ޖެހޭ މުހިއްމު ގިނަ މަޢުލޫމާތުތަކެއް ޙިއްސާ ކުރައްވާފައެވެ.