ދިވެހިރާއްޖޭގެ ފުރަތަމަ ޙައްޖު، ޢުމްރާ ކޮންފަރެންސް މާދަމާ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ޙައްޖ،ު ޢުމްރާ ކޮންފަރެންސަކީ ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި ކަމާގުޅޭ އެހެން ކުންފުނިތަކާއި ކޮންފަރެންސްގެ ތެރެއިން ގުޅުވާލައި، ޙައްޖާއި ޢުމްރާގެ އަޅުކަމާއި ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް، ޢުމްރާ ކުންފުނިތަކާއި ވުޒާރާއާއި އޮންނަ ގުޅުން ރަނގަޅުކޮށް، ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ދީނީ މަޢުލޫމާތުތައްދީ މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސް ރާވާލާފައިވަނީ ޙައްޖާއި ޢުމްރާއާއި ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ކީނޯޓު ސްޕީކަރުންގެ ވާހަކަދެއްކެވުން ހިމެނޭ ގޮތަށެވެ. އެގޮތުން ޕެނަލް ޑިސްކަޝަންތަކުގައި ޙައްޖާއި ޢުމްރާއާއި ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި، ދީނީ ޢިލްމުވެރިން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެންސް ކުރިއަށްދާނީ މާދަމާ ހެނދުނު 8:30 އިން ހަވީރު 18:00 އަށެވެ.