ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ 6.5 ގައި ރާއްޖޭގައި ހުރި ވަޤްފު އިތުރުކޮށް، ލިބޭ އާމްދަނީން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި ތަޢުލީމީ އަދި ސިއްޙީ ކަންކަމަށް އެފައިސާއިން ޚަރަދުކުރުމުގެ ސިޔާސަތު ތަންފީޛުކުރުމުގެ މަޤްޞަދުގައި، މާލެއާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤްފު މަޝްރޫޢުތައް އިތުރުކުރުމަށް އިސްލަމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ މި ސަރުކާރުގައި ވުޒާރާއިން ކުރިއަށް ގެންދާނެ އެންމެ ބޮޑު އެއް މަޝްރޫޢުކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ހުޅުމާލެ ފޭސް 1 ގައި އިސްލާމީ ވަޤްފު ޢިމާރާތެއް "ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސް" ގެ ނަމުގައި ޤާއިމުކުރުމަށްޓަކައި ބިން ރަޖިސްޓްރީކޮށް، ކޮންސެޕްޓް އަދި ޑީޓެއިލް ޑްރޯވިންގ ތައްޔާރުކުރުމަށްފަހު، ކޮންޓްރެކްޓަރ ފައިނޭންސިންގ އުޞޫލުން މަސައްކަތްކޮށްދޭނެ ކޮންޓްރެކްޓަރެއް ހޯދުމަށް 09 އޮކްޓޫބަރު 2024 ގައި ވަނީ އިޢުލާނުކޮށްފައެވެ.
މީގެ އިތުރުން މާލެ ސިޓީގައި އައު ވަޤުފް ޢިމާރާތެއް "ދާރުލްއަރްޤަމް"ގެ ނަމުގައި ޢިމާރާތްކުރުމަށްޓަކައި 2000 އަކަފޫޓުގެ ބިމެއް 08 ސެޕްޓެމްބަރު 2024 ގައި މާލެ ސިޓީ ކައުންސިލުން މި ވުޒާރާއާއި ހަވާލުކޮށްފައިވާއިރު، ޑިވެލޮޕްމަންޓް ކޮންޓްރޯލް ހޯދުމަށްފަހު، މި ޢިމާރާތުގެ ކުރެހުމާއި، ބީ.އޯ.ކިއު ޑޮކިއުމަންޓް އަދި ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްއެދި 08 އޮކްޓޫބަރު 2024 ގައި ވަނީ އިޢުލާންކޮށްފައެވެ.
މާލެ ސަރަަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ވަޤުފް އިމާރާތްތައް ޤާއިމްކުރުމަކީ މުހިއްމުކަމެއްކަމުގައި ދެކި އެ މަސައްކަތްތަވެސް މި ދައުރު ފެށުމާއެކު އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ އަތޮޅުތަކުގައި އިސްލާމީ ވަޤުފް ޕްރޮޖެކްޓުތަކެއް ކުރިޔަށްގެންގޮސް، ވަޤުފް ޢިމާރާތް ކުއްޔަށްދީގެން ލިބޭ އާމްދަނީއިން އަތޮޅުތެރޭގައި ހުރި ރަށްރަށުގެ މިސްކިތްތައް މަރާމާތު ކުރުމަށާއި، އަލަށް މިސްކިތް ޢިމާރާތްކުރުމަށާއި، އަދި އަތޮޅުތެރޭގައި އިސްލާމީ ޙަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގުމުގެ މަޤްޞަދުގައި، "އަތޮޅު ވަޤްފު" އަދި "ސިޓީ ވަޤްފު"ގެ ނަމުގައި މަޝްރޫޢުއެއް 04 ޖަނަވަރީ 2024 ގައި އިފްތިތާޙްކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން 10 ސިޓީ/އަތޮޅު ކައުންސިލުންނާއި، އަދި 14 ރަށު ކައުންސިލަކުން ވަޤުފް ޢިމާރާތް ޤާއިމުކުރުމަށް މި ވުޒާރާއަށް ޕްރޮޕޯސަލް ހުށައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.
ޕްރޮޕޯސަލް ހުށައެޅި ކައުންސިލްތަކުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލުން ހުށައެޅި ވަޤްފް އިމާރާތުގެ މަޝްރޫޢުއާއި އެހެނިހެން ޕްރޮޕޯސަލްތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ވަޤުފްގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވުމުން، މިހާރު ހުރި ދާރުލްއިމާން ވަޤުފް މަޝްރޫއާއެކު ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ވެގެންދާނީ ރާއްޖޭގައި އެންމެ މުއްސަނދި އެއް ވުޒާރާއަށެވެ. އަދި ދަޢުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ ދީނީ ޙަރަކާތްތައް ހިންގޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަން ފާހަގަކޮށްލެވެއެވެ.