ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން، އިސްލާމީ ނޫރު ފަތުރާ، ދީނަށް ލޯބިކުރާ މުޖުތުމަޢުއެއް އުފެއްދުމުގެ މަޤުސަދުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ރިސާލަތު ޕްރޮގުރާމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދެއްވައިގެން މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދެވުނު އެންމެ ބޮޑު އެއް ޕްރޮގުރާމެވެ.
"ރިސާލާތު" ޕްރޮގުރާމުގެ މަޤުސަދަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް ޢަޤީދާ ވަރުގަދަކުރުމާއެކު އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމާއި، ދީނަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކޮށް، އިސްލާމްދީނުގައި ހުރި މުހިއްމު ކަންކަމަށް ދިވެހި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމެވެ.
"މި ޕްރޮގްރާމް އެންމެ މުހިންމުވާ ސަބަބަކީ އިސްލާމްދީނުގައި ކޮންމެހެން އެނގެންޖެހޭ ކަންކަންތައް އަންގައިދިނުމާއި ދިވެހިންގެ ހިތްތަކުގައި އިސްލާމީ އަޤީދާ ވަރުގަދަކުރުން. ޒުވާނުންގެ އަޤީދާ ހަރުދަނާކޮށް ވަރުގަދަކުރުމަށް އިސްލާމްދީނުގެ ތެރޭގައި ހުރި މުހިންމު ކަންކަމަށް ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް މި ޕްރޮގްރާމުން އެހީތެރިވެދޭނެ." ރިސާލަތު ޕްރޮގުރާމް އިފްތިތާޙްކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ރިސާލަތު ޕްރޮގުރާމްގެ ދަށުން ޝަހާދަތުގެ ދެކަލިމަ، ނަމާދު، ޒާކާތް، ރޯދަ، ޙައްޖު، މާތް ﷲ އަށް އީމާންވުން، މަލާއިކަތުންނަށް އީމާންވުން، ފޮތްތަކަށް އީމާންވުން، ރަސޫލު ބޭކަލުންނަށް އީމާންވުން އަދި އިޙްސާންކަމުގެ މުހިއްމު ފިލާވަޅުތަކެއް މިހާތަނަށް އައިއިރު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ރިސާލަތު ޕްރޮގުރާމުގެ ދަށުން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އިސްލާމްދީނުގެ ރުކުންތަކުގެ މައްޗަށް ދީނީ ޢިލްމުވެރިންގެ ސިލްސިލާ ވީޑިއޯތަކެއް ވުޒާރާގެ މީސްމީޑިއާ ވަސީލްތަކުން އާއްމުކުރަމުންނެވެ. މި ވީޑިއޯތައް ގެނެސްދެމުން އަންނަނީ އަޑުއިވުމުން މަޙުރޫމްވާ ފަރާތްތަކަށް ޚާއްސަކޮށް ސައިންލޭންގުއޭޖުވެސް ހިމެނޭ ގޮތަށެވެ.
އެގޮތުން މިއަހަރު މިހާތަނަށް ރިސާލަތުގެ 702 ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މުއައްސަސާތަކަށް ކުރިއަށް ގެންދިޔަ 100 ޕްރޮގުރާމާއި، މިސްކިތްތަކުގައި ކުރިއަށް ގެންދިޔަ 62 ޕްރޮގުރާމަކާއި، ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށް 328 ޕްރޮގުރާމަކާއި ޖަލު އަދި ރިހެބިލިޓޭޝަން ސެންޓަރުތަކުގައި 7 ޕްރޮގުރާމުގެ އިތުރުން ޔުނިވާސިޓީތަކުގައިވެސް 4 ޕްރޮގުރާމަކާއި ޒުވާނުންނަށް ޚާއްސަކޮށް 24 ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ރިސާލަތުގެ 32 ވީޑިއޯއެއް މީސްމީޑިޔާގައި އާއްމުކޮށްފައިވާއިރު އެމްވީ ރިމައިންޑާގެ ނަމުގައި 111 ވީޑިއޯއެއް ވަނީ މީސް މީޑިއާގައި އާއްމުކޮށްފައެވެ. ރިސާލަތު ޕްރޮގުރާމް ރާވާލާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ޝާމިލްވާނެހެން ޕްރޮގުރާމްތައް ކުރިއަށް ގެންދެވޭނެ ގޮތަށެވެ. އެގޮތުން މިއަހަރު މިހާތަނަށް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ރިސާލަތުގެ 20 ޕްރޮގުރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރިސާލަތު ޕްރޮގުރާމަކީ ކުރިއަށް އޮތް އަހަރުގައިވެސް ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ އެއް ޕްރޮގުރާމެވެ.