ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސް ފަށައިފިއެވެ.

ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. މި ރަސްމިއްޔާތުގައި ކޮންފަރެންސަށް ރާއްޖޭން ބޭރުން ވަޑައިގެންނެވި ބޭފުޅުންނާއި، ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 (އިންޒެކް 2024) އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިންޒެކް 2024ގެ އަމާޒަކީ، ރާއްޖޭގެ އިޖްތިމާއީ އަދި އިޤްތިޞާދީ މައިދާނަށް ފެތޭ ގޮތަށް، އަވަސް އަދި ފަސޭހަ ގޮތަކަށް ޚިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ޤާއިމުކޮށް، މި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދިނުމެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް މިރޭގެ ނިިޔަލަށް ކުރިއަށްދާއިރު، 4 ކީނޯޓް ސްޕީކަރުންގެ ވާހަކަފުޅު ދެއްކެވުމާއި 4 ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް