ޒުވާން ޚަޠީބުންގެ އާ ޖީލެއް އުފެއްދުން: ވުޒާރާއިން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމް!

އިމާމުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމާއި، އިމާމުން ތަމްރީންކުރުމާއި ޒުވާން އިމާމުންނާއި ޚަޠީބުން ނެރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާއިތުވެދިޔަ 1 އަހަރު ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ،

މިގޮތުން ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދާ ޒުވާން ޚަޠީބުންގެ ޕްރޮގުރާމަކީ ފާއިތުވެދިޔަ 1 އަހަރުގެތެރޭގައި ކުރިއަށް ގެންދެވުނު އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަން ފާހަގަކޮށްލެވެއެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް މިހާތަނަށް މާލޭގައި ދެ ބުރެއް ކުރިއަށް ގެންގޮސްފައިވާއިރު 252 ޒުވާން ޚަޠީބުން ވަނީ ތަމްރީންވެފައެވެ. މީގެ އިތުރުން އައްޑޫގައި ކުރިއަށްދިޔަ ޒުވާން ޚަޠީބުން ޕްރޮގުރާމުގައި 18 ޚަޠީބުން ތަމްރީންވެފައިވާއިރު 1 އަހަރު ތެރޭގައި 270 ޒުވާން ޚަޠީބުން ވަނީ ތަމްރީންވެފައެވެ. ވުޒާރާއިން އަމާޒު ހިފާފައިވަނީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށެވެ.

"ޒުވާން ޚަޠީބުން ޕްރޮގުރާމަކީ މިއަދު މުޖުތަމަޢުން ބަލައިގެންފައިވާ ޕްރޮގުރާމެއްކަމަށާއި، ރަށްރަށުގެ ކައުންސިލްތަކުން ޒުވާން ޚަޠީބުންނަށް މަރުޙަބާ ދަންނަވާ، ބޮޑެތި ޖަމާޢަތްތަކުގައި ނަމާދު ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވަމުން ގެންދަވާކަމަށާއި، މި ޕްރޮގުރާމަކީ ގިނަ ރަށްތަކަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޕްރޮގުރާމެއް" ޒުވާން ޚަޠީބުން ޕްރޮގުރާމާއި ގުޅޭ ގޮތުން ވަޒީރު ވިދާޅުވިއެވެ. 

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުއާއެކު އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ބައެއް ރަށްތަކުގައި ޚަޠީބުން މުސްކުޅުކުރައްވާފައިވުމާއި އުމުރުން ދުވަސްވުމުގެ ސަބަބުން ޚަޠީބުންގެ ދަތިކަން ހުރިކަން ފާހަގަކުރެއްވުނު ކަމަށާއި، ޒުވާން ޖީލެއް މިކަމުގެ ތެރެއަށް ނެރެދެއްވުމަށް ފެއްޓެވި މި ޕްރޮގުރާމު ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމުގެ އިތުރު ބުރުތައް ފެށުމަށް ވުޒާރާއިން އަންނަނީ ތައްޔާރުވުމަށެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް