ޕާކިސްތާނުގައި ކުރިއަށްދާ މުސްލިމް ވޯލްޑް ލީގުގެ ކޮންގްރެންސްގައި ވަޒީރު ތަޤުރީރު ކުރައްވައިފި

މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތައުލީމުދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޤުރީރު ކުރައްވައިފިއެވެ.

ޕާކިސްތާނުގައި އޮތް މި ކޮންފަރެންސްގެ އިލްމުވެރިންގެ ސެޝަންގައި ވަޒީރު ޑރ. ޝަހީމް ވަނީ ތަޤުރީރު ކުރައްވާފައެވެ.

އިސްލާމްދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީން ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

އިސްލާމްއާބާދުގައި ކުރިއަށްދާ މިކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ވަޒީރު ވިދާޅުވީ، އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމުކަމެވެ. އިސްލާމް ދީނުގައި ޢިލްމު އުނގަނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫންކަމާއި އަންހެނުންނަކީ ވެސް ޢިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމެވެ. ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ ޢިލްމުވެރި ނަމޫނާއެއްކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި ރަސޫލާގެ ޙަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް، އިތުރު އެކަލޭގަފާނު ޚާއްޞަ ކުރެއްވިކަން ސާބިތުވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

މީގެ އިތުރުން ވަޒީރު ވަނީ އިލްމު ފެތުރުމަށް ރާބިތާއިންނާއި ސައުދީ އަރަބިއްޔާގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ޤައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތް ވަޒީރު ފާހަގަކުރެެއްވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް