ގއ. ނިލަންދޫ ކައުންސިލުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލު ކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާއި ގއ. ނިލަންދޫ ކައުންސިލްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނިލަންދޫ ކައުންސިލްގެ ފަރާތުން ވަނީ އެ ކައުންސިލަށް ދިމާވާ އެކި ދަތިތަކުގެ މަޢުލޫމާތު ވަޒީރާއި ޙިއްސާ ކުރައްވާފައެވެ. ޚާއްސަކޮށް އެރަށުގައި ޖަމާޢަތްތެރިންގެ އަދަދު މަދުވުމާއި ގުޅިގެން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގުރާމެއް އެރަށުގައި ކުރިއަށް ގެންގޮސްދެއްވުމަށާއި ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގުރާމުތައް ކައުންސިލާއި ވުޒާރާ ގުޅިގެން ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، އެ ކައުންސިލުން އެދިލެއްވި ގޮތަށް ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގުރާމަކާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގުރާމު ކުރިއަށް ގެންދެވުމަށް ވުޒާރާގެ ފަރާތުން ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.