ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް، މިއަހަރު އަތޮޅުތެރޭގެ 7 ސިޓީ/ރަށެއްގައި ބޭއްވުމަށް ނިންމައިފިއެވެ.
އެގޮތުން މިއަހަރުގެ ރަމަޟާން އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީ، ހދ. ނާވައިދޫ، ނ. މަނަދޫ، ތ. ގުރައިދޫ، ހއ. ބާރަށް، ގދ. ގައްދޫގެ އިތުރުން ރ. މީދޫގައެވެ. މި ރަށްތަކުގައި އިޙްޔާ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ހުކުރު އަދި އަންގާރަ ދުވަހުގެ ރޭތަކުގައެވެ.
ރަމަޟާން މަހު އިޙްޔާ ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލި ފުރުސަތުގައި ގިނަ ރަށްތަކަކުން ޕްރޮޕޯސަލް ހުށައެޅިއިރު، އަތޮޅުތެރޭގައި އިޙްޔާ ޕްރޮގުރާމް ކުރިއަށް ގެންދާ ރަށްތައް ކަނޑައަޅާފައިވަނީ، އެކަމަށްއެދި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަައް ބަލައިގެންނެވެ. މި ޕްރޮޕޯސަލްތައް ވިލަރެސް ކޮށްފައިވަނީ އެކަމަށް ޚާއްސަ ކޮމިޓީއަކުންނެވެ.
ރަމަޟާން މަހު އިޙްޔާ ޕްރޮގުރާމްތައް ބޭއްވުމަށް ހުށައެޅި ރަށްތަކުގެ ތެރެއިން ޕްރޮޕޯސަލް ކާމިޔާބު ކުރި ރަށްތަކުން، އިޙްޔާ ޕްރޮގުރާމުތައް ކުރިއަށް ގެންދިއުމަށްދާ ޚަރަދުގެ ބޮޑު ބައި ކައުންސިލްތަކުން ކުރާ ގޮތަށް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.