އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ތ. ހިރިލަންދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
ހޯމަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ އިސްބޭފުޅުންނާއި ހިރިލަންދޫ ކައުންސިލްގެ އިސްބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ހިރިލަންދޫ ކައުންސިލުން ވަނީ ރަމަޟާން މަހާއި ދިމާކޮށް އެރަށުގެ މިސްކިތްތައް އާބާތުރަ ފިލުވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ މަޢުލޫމާތު ވަޒީރާއި ޙިއްސާކުރައްވާފައެވެ. މީގެ އިތުރުން އެރަށުގައި ރިސާލަތު ޕްރޮގުރާމް ކުރިއަށް ގެންދިއުމަށާއި، ހިރިލަންދޫ ކައުންސިލާއި ޖަމްޢިއްޔަތުލް އިންތިބާޙް ގުޅިގެން އެރަށުގައި ކުރިއަށް ގެންދާ ދީނީ ޙަރަކާތްތަކަށް ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، އެރަށު ކައުންސިލުން އެދިލެއްވި ގޮތަށް ދީނީ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވެފައެވެ.