އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތު (ވަމީ) ގުޅިގެން މިހާރު ކުރިއަށްގެންދާ ސަޢުދީ ތަޖުރިބާ ދަތުރުގެ ބައިވެރިން، އިސްލާމީ ދުނިޔޭގައި އިސްލާމީ ތަޢުލީމުދޭ އެންމެ ބޮޑު ޔުނިވާސިޓީކަމަށްވާ މަދީނާ އިސްލާމީ ޔުނިވާސިޓީއަަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
މި ޒިޔާރަތުގައި ދަތުރުގެ ބައިވެރިންވަނީ އެ ޔުނިވާސިޓީގެ ކަންކަން ކުރިއަށްދާ ގޮތް ބަލާލުމުގެ އިތުރުން ޔުނިވާސިޓީގެ މިސްކިތަށްވެސް ޒިޔާރަތްކޮށްފައެވެ. މީގެ އިތުރުން މި ދަތުރުގެ ބައިވެރިން ވަނީ މަސްޖިދުއްނަބަވީއަށާއި، މަދީނާގެ ބައެއް އިސްލާމީ ޙާއްސަ ތަންތަނަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން ޤުބާ މިސްކިތަށާއި، އުޙުދުގެ މައިދާނުގެ އިތުރުން މަދީނާގައި ހުންނަ އިސްލާމީ މައުރަޒަށް ޒިޔާރަތްކޮށް ނަބިއްޔާގެ ޙަޔާތްޕުޅާއި ގުޅޭ ވާހަކަތަކާއި، މަސްޖިދުއްނަބަވީއަށް އައިސްފައިވާ ބަދަލުތަކުގެ މަޢުލޫމާތު ބައިވެރިން ވަނީ ހޯދާފައެވެ.
މި މަހުގެ 14 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން، އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން، ސީއެޗް.އެސް.ސީ، ވިލާ ކޮލެޖު، ޒިކުރާ ކޮލެޖު، ހިރާ ސްކޫލް، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ބައެއް ދަރިވަރުންގެ އިތުރުން ޒުވާން ޚަޠީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޚަޠީބުންވެސް ބައިވެރިވެފައިވެއެވެ.
މި ދަތުތަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވާފައިވާ އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ދަތުރެއްކަން ފާހަގަކޮށްލެވެއެވެ.