މިރޭ އިޙްޔާ ފޯރަމް ނ. މަނަދޫގައި، ތަޤްރީރު ކުރައްވާނީ ޝައިޚް ނިމާލް މުޙައްމަދު!

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް މިރޭ ނ. މަނަދޫގައި  އޮންނާނެއެވެ. މިރޭގެ އިޙްޔާ ފޯރަމްއަކީ ވުޒާރާއާއި މަނަދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ފޯރަމްއެކެވެ.

މިރޭގެ ފޯރަމްގައި "ސިހުރު، އެސްފިނާ، ޙަސަދައިން ރައްކާތެރިވުން" މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އައްޝައިޚް ނިމާލް މުޙައްމަދުއެވެ.

މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:30 ގައެވެ. މި ފޯރަމް ވުޒާރާގެ ފޭސްބުކް ޕޭޖުންނާއި މުންނާރު ޓީވީން ލައިވްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިޙްޔާ ފޯރަމްއަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވޭ ބޭފުޅުންނަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއް ވަނައަށް ދާ ފަރާތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 1500 ރުފިޔާގެ ގިފްޓު ކާޑެއް، ދެވަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 1000 ރުފިޔާގެ ގިފްޓު ކާޑެއް، ތިންވަނައަށް ދާ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 700 ރުފިޔާގެ ގިފްޓު ކާޑެއް އަދި ހަތަރުވަަނައަށް ބީއެމްއެލް އިސްލާމިކްއިން ހުށައަޅާފައިވާ 500 ރުފިޔާގެ ގިފްޓު ކާޑެއްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިނާމެއްގެ ގޮތުގައި ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުތައް ދެނީ އަންހެން އަދި ފިރިހެން ވަކިންނެވެ.

މި ރަމަޟާން މަހު މާލޭގައި 8 އިޙްޔާ ފޯރަމް، އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން 6 ސްކޫލްއަކާއެކު ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް މިއަހަރު އޮންނާނެއެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް