2025 ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެކަމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަ ކުރެއްވީ މިރެއެވެ. ރައީސް ވިދާޅުވީ، މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެ ކަމަށް ހަމަޖެހިފައިވާ އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާކަމަށެވެ.
ދިވެހިރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް ވުޒާރާއާއި ދަޢުލަތުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަނުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ކަންކަން ހަރުދަނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އުސޫލެއް ޤާއިމްކޮށް ގެޒެޓުކޮށްފައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން ޙައްޖާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަން ފާހަގަކޮށްލެވެއެވެ.