ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ޒަކާތު ހައުސްއަކީ މިއަދު ރާއްޖެއަށް ވަރަށް ބޭނުންތެރި މުހިއްމު އިދާރާއެއް – ވަޒީރު

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަކީ މިއަދު ދިވެހިރާއްޖެއަށް ވަރަށް ބޭނުންތެރި މުހިއްމު އިދާރާއަކަށް ވެގެންގޮސްފައިވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމަށް 50 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި ކުރެވުނު މަސައްކަތުން ފާއިތުވެދިޔަ އަހަރަކީ މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިގެންދިޔަ އަހަރުކަމަށާއި މިކަމުގެ ސަބަބުން އެތައް ގޮތަކުން ދިވެހި ޤައުމަށް ފައިދާ ކުރާނެކަމަށެވެ. އެގޮތުން މިއަދު ހުޅުވާލެވިގެންދިޔަ ފުރުސަތުތަކަކީވެސް މިކަމުގެ ނަތީޖާކަމަށާއި މީގެ އިތުރުންވެސް ސިއްޙީ އެކި ކަންކަމަށާއި، ޙާފިޡުން އުފެއްދެވުމަށާއި އެކި މުހިއްމު ކަންކަމަށް ޒަކާތުގެ ނަފާ ފުޅާ ދާއިރާއެއްގައި ވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ޒަކާތު ފަންޑުން ހުޅުވާލާ ސްކޮލަޝިޕްތަކަކީ އިސްލާމީ ދާއިރާއަށް ބޮޑަށް ހާއްސަ ކުރެވިފައިވާ ސްކޮލަޝިޕްތަކަކަށް ހެދުންކަމަށާއި މި ފުރުސަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމުގެ ދާއިރާއަށް ވަރަށް ބޮޑު އިންޤިލާބެއް އަންނަނާނެކަމަށެވެ.

މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މުދަލުގެ އަހުލުވެރިން ފަސްޖެހިވަޑައިގެންނެވުމެއް ނެތި މުދަލު ޒަކާތު ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި ހަވާލުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި ހަވާލު ކުރެވޭ ފައިސާ އަމާނާތްތެރިކަމާއެކު އޭގެ އަހުލުވެރިންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.

 

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް