މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރޭގައި ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާފައެވެ. އަދި ޢިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޑރ. ޞަލާޙުލް ބުދައިރު ވަނީ ޚާއްސަ ދަރުހެއް ދެއްވާފައެވެ.
އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ބައްދަލުކުރައްވާފައިވެއެވެ. މީގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރެއްވިއިރު ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާއިވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
މީގެ އިތުރުން އިސްލާމީ ޔުނިވާސިޓީއަށާއި ސަލްމާން މިސްކިތަށްވެސް ޒިޔާރަތް ކުރައްވާފައިވެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ވަރުގަދަ ކުރެއްވުމަށް، އިސްލާމީ އުއްމަތުގައި ފާހަގަކޮށްލެވޭ ބޭފުޅުން ރާއްޖެއަށް ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.