1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން 32 މިސްކިތެއްގައި ކުރާނެ

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ކުރާތަންތަނުގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 32 މިސްކިތެއްގައި ކުރާނެއެވެ.

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، 09 ޖުލައި 2022 ވާ ހޮނިހިރު ދުވަހެވެ.

މާލޭ ސަރަޙައްދުގައި، އަޟްޙާ ޢީދު ނަމާދުކުރުމަށްޓަކައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިނިސްޓްރީންވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އަޟްޙާ ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށްޓަކައި ތިން މައިދާނެއް ހަމަޖައްސާފައިވެއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް ސަރަޙައްދެވެ. މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން ތިރީގައި އެވާ ހުރިހާ މިސްކިތްތަކެއްގައިވެސް އަޟްޙާ ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

  • މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް
  • މަސްޖިދު މަލިކި ސަލްމާން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ
  • މަސްޖިދުލް ފުރްޤާން
  • މަސްޖިދުއް ނޫރު
  • މަސްޖިދުއް ޝަހީދު ޢަލީ
  • މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް
  • މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް (ބޮޑުގެ)
  • މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން
  • މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ
  • މަސްޖިދު ޢަފީފުއްދީން
  • ޒިޔާރަތް މިސްކިތް
  • މަސްޖިދުލް ބިއްރި (ވިލިމާލެ)
  • މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ)
  • ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
  • މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)
  • މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)
  • މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
  • މަސްޖިދުއް ސަބީލް (ހުޅުލެ)
  • މަސްޖިދުލް އިންތިޞާރު (ހުޅުލެ)

މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ 3 ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދުކުރެވޭނެއެވެ.

ދިވެހި ހުރިހާ ޙައްޖުވެރިން މިނާއަށް ހިނގައްޖެ

1443ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިން މިނާއަށް ހިނގައްޖެއެވެ. މިނާއަށް ޙައްޖުވެރިން ދިޔައީ މިއަދު ( 07 ޖުލައި 2022)ގެ ހެނދުނު ރާއްޖެ ގަޑިން 8 ޖެހިއިރުއެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަންއިން މަޢުލޫމާތުދެއެވެ. މިނާއަށް މިއަދަކީ ހޫނު މަޑު ދުވަހެކެވެ. މިނާގެ ފިނި ހޫނުމިން ހުރީ 36 ޑިގްރީ ސެންސިއަސްގައެވެ.

ޙައްޖުވެރިން މިނާއިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ދިއުމަށެވެ.  ޙައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.

ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.

މިއަހަރުގެ ޙައްޖުދުވަހަކީ ޖުލައި 08 ވާ ހުކުރު ދުވަހެވެ.

ދިވެހި ޙައްޖުވެރިން ބުރާސްފަތި ދުވަހު ހެނދުނު މިނާއަށް ދާން ފުރާނެ

1443ވަނަ އަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިން ބުރާސްފަތި ދުވަހު ( 07 ޖުލައި 2022) މައްކާ ގަޑިން ހެނދުނު 6 ޖަހާއިރު މިނާއަށް ދާން ފުރާނެއެވެ. އެއީ ރާއްޖެގަޑިން ހެނދުނު 8 ޖަހާއިރެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަންއިން މަޢުލޫމާތުދެއެވެ.

ޙައްޖުވެރިން މިނާއިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ދިއުމަށެވެ.  ޙައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.

ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.

މިއަހަރުގެ ޙައްޖުދުވަހަކީ ޖުލައި 08 ވާ ހުކުރު ދުވަހެވެ.

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދުކުރާނީ ބޮޑު ޖަމާޢަތުގައި

1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ނަމާދު ކުރާނީ ބޮޑު ޖަމާޢަތުގައެވެ.

އެގޮތުން ގްރޭޓާ މާލެ އޭރިޔާއިން މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި އަޟްޙާ އީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮޑުޖަމާޢަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލެ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލެ ބޯޅަދަނޑު ގައެވެ.

ބޮޑުޖަމާޢަތުގައި ނަމާދުކުރިނަމަވެސް ފިޠުރު ޢީދެކޭ އެއްގޮތަށް،  މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމް އަދި މަސްޖިދުލް މަލިކި ސަލްމާން ހިމެނޭހެން މާލެ ސަރަޙައްދުގެ 32 މިސްކިތެއްގައި ޢީދު ނަމާދުކުރާނެއެވެ.

މޫސުން ގޯސްވުމާއި ގުޅިގެން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރެވޭ ގޮތް ނުވާނަމަ އެކަން ދުރާލާ މި މިނިސްޓްރީން އިޢުލާން ކުރާނެއެވެ. އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ ޢީދު ނަމާދު ކުރާނީ މާލެ ސަރަޙައްދުގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައެވެ.

ޢީދު ނަމާދަށް ވަޑައިގަންނަވާއިރު ސަމާލުކަން ދެއްވަންވީ ކަންތައްތަކުގެ ތެރޭގައި:

  • ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން އައުން.
  • އަމިއްލަ މުސައްލައެއް ގެންނެވުން.
  • އަމިއްލަ ފެންފުޅިއެއް ގެންނެވުން.
  • ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ( ދަބަސް/ކޮތަޅު ޕްލާސްޓިކް އެއްޗަކަށް ނުވުން).

މިކަންތައްތަކަށް ސަމާލުކަން ދެއްވުމަށް އެންމެހާ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

އަމީރުލް ޙައްޖު، ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ޙާލު ބައްލަވައިފި

އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ޙާލު ބައްލަވައިފިއެވެ.
ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަންއިން މަޢުލޫމާތު ދެއްވައެވެ.
1443 ވަނަ އަހަރުގެ ޙައްޖު ދުވަހަކީ މި އަންނަ ހުކުރު ދުވަހަށްވާއިރު، ޙައްޖުވެރިން މިނާއަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު ދަތުރު ފަށާނެއެވެ.
ރާއްޖެއިން މި އަހަރު ޙައްޖަށް ގޮސްފައިވަނީ 453 ޙައްޖުވެރިންނެވެ. ރާއްޖޭގެ އަމީރުލް ޙައްޖުގެ ގޮތުގައި މިއަހަރު ސަރުކާރުން ހަމަޖައްސާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީ އެވެ.

ދިިވެހިރާއްޖޭގެ އަމީރުލް ޙައްޖު ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފި


ދިވެހިރާއްޖޭގެ އަމީރުލް ޙައްޖު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފިއެވެ.
ރާއްޖޭގެ އަމީރުލް ޙައްޖު ރޯޔަލް ޕްރޮޓޮކޯލްގައި ވަޑައިގެން މިހާރު ހުންނެވީ މައްކާގައި އަމީރުލް ޙައްޖު ހުންނަވަން ހަމަޖެހިފައިވާ ގަނޑުވަރުގައެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް 453 ޙައްޖުވެރިން ގޮސްފައިވާއިރު، ހުރިހާ ޙައްޖާޖީންނާއި އަމީރުލް ޙައްޖާއި އަނބިކަބަލުންގެ ހާލުކޮޅުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތުދެއެވެ.
މިއަހަރުގެ ޙައްޖުދުވަހަކީ މި ހިނގާ ޖުލައި މަހުގެ 8 ވާ ހުކުރު ދުވަހެވެ.