ޝައިޚް އިބްރާހީމް މެންކްގެ ދަރުސް މިރޭ، ހުޅުމާލެ ޣާޒީ ސްކޫލުގައި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި ގުޅިގެން ބާއްވާ ދަރުސް މިރޭ އޮންނާނެއެވެ.

ޝައިޚް އިބްރާހީމް މެންކް ދެއްވާ މި ދަރުސް އޮންނާނީ ހުޅުމާލޭ ޣާޒީ ސްކޫލުގައި މިރޭ 2130ގައެވެ.

”ސީކިން ސޮލޭސް” ނުވަތަ ”ހިތްހަމަ ޖެހުން ހޯދުން” މި މަޢުޟޫއަށް ކުރިއަށް ގެންދާ މި ދަރުހަކީ ޒުވާނުންނާ ގުޅޭ ގޮތަށް އިނގިރޭސި ބަހުން ކުރިއަށް ގެންދާ ދަރުހެކެވެ.

ޝައިޚް އިބްރާހީމް މެންކްއަކީ ޒިންބާބުވޭގެ މަޝްހޫރު ދާޢީ، މުފްތީ އިސްމާޢީލް މެންކަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.

މަދީނާ ޔުނިވަރސިޓީން ކިޔަވާ ވިދާޅުވެފައިވާ ޝައިޚް އިބްރާހީމް މެންކް މީގެ ކުރިންވެސް ރާއްޖޭގައި ގިނަ ދަރުސްތަކެއް ވަނީ ދެއްވާފައެވެ.

ތިމާ އެކުގައިވާންޖެހޭނީ ތިމާއަށް ރައްކާތެރިކަންދޭ ފަރާތާއެކު: ޝައިޚް ޢިމްރާން

ތިމާ އެކުގައިވާންޖެހޭނީ ތިމާއަށް އެންމެ ހެޔޮއެދޭ، ތިމާއަށް ރައްކާތެރިކަންދޭ ފަރާތާއެކުގައިކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް ޢިމްރާން މިހެން ވިދާޅުވީ މިރޭ އިސްލާމީ މަރުކަޒު ހޯލުގައި އޮތް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

”ތިބާ ﷲ އާއެކު ވާށެވެ!” މި މަޢުޟޫއަށް މިރޭ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އަޅުގަނޑުމެންނާއިއެކުގައިކަމަށާއި އަޅުގަނޑުމެން ވަނީ އެކަލާނގެއާއިއެކުގައިތޯ ސުވާލުކުރެއްވިއެވެ.

އެގޮތުން އިންސާނުންނަށް ބަލާއިރު ބައެއް ހާލަތްތަކުގައި، ގާތުގައި ފެންނަ ހިސާބުގައި ވިޔަސް އެއީ އެކުގައިވާ ފަރާތްތަކަށް ނުވާ ފަހަރު އަންނަކަމަށާއި ދުރުގައި، ނުފެންނަ ހިސާބެއްގައި ވިޔަސް އެކުގައިވާ ފަރާތްތައް ވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެ އިންސާނެއްވެސް ބޭނުންވާނީ އެމީހަކާއި އެންމެ ގާތުގައި ނުވިޔަސް، އެކުގައިވާ ފަރާތެއްކަމަށާއި އެފަރާތަކީ ތިމާއަށް މަތިވެރި އިއްޒަތްދޭނެ، ކޮންމެ ވަގުތެއްގައި ތިމާ ރައްކާތެރިކޮށްދޭނެ، އަދި ހެޔޮ އެދޭނެ ފަރާތަކަށް ވުމަށްކަމަށް ވިދާޅުވިއެވެ.

ޝައިޚް ވަނީ މާތްﷲ އާއިއެކުގައިވާން ބޭނުންވާ މީހާގެ ޢަމަލުތައް ބަހައްޓަން ޖެހޭގޮތުގެ މައްޗަށާއި މާތް ﷲ އާއެކުވާން ބޭނުންވާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

މި ފޯރަމްގައި ދެން ވާހަކަދެއްކެވި އައްޝައިޚް ޢަބްދުﷲ ރަޝީދު ވަނީ މާތް ﷲގެ ކުޅަދުންވަންތަކަމާއި މާތްﷲ ވޮޑިގެންވަނީ ކޮންތާކުކަން ތަފްސީލުކޮށްދެއްވާފައެވެ. އެގޮތުން އަޅުތަކުންނާއިއެކު މާތްﷲ ވޮޑިގެންވާކަމަށާއި، އެކަލާނގެ ބައްލަވާވޮޑިގެން ނުވާ އެއްވެސް އެއްޗެއް، އެއްވެސް މީހެއް، އެއްވެސް ތަނެއް މި ކާއިނާތުގައި ނުވާކަމަށް ވިދާޅުވިއެވެ.

މާތް ﷲ އާއިއެކުވާން ބޭނުންނަމަ ﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ޢަމަލުކުރަންޖެހޭކަމަށާއި ﷲ އާއެކުވާ އަޅުންނަކީ ކޮންމެ ޙާލެއްގައިވެސް ﷲއަށް ވަކީލުކުރާ އަޅުންކަމަށް ވިދާޅުވިއެވެ.

މާތް ﷲ އާއެކުގައިވާން ބޭނުންވާނަމަ ﷲއަށް އެންމެ ހައްޤުގޮތުގައި އީމާންވާ މީހަކަށް ވާންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މާތް ﷲ ވޮޑިގެންވަނީ ތަޤުވާވެރިންނާއެކުކަން ފާހަގަކުރައްވާ އެކަމުގެ ތަފްސީލުތަކަށްވެސް ވަނީ މި ފޯރަމްގައި ބައްލަވާލައްވާފައެވެ.

އިޙްޔާ ފޯރަމްތައް ކޮންމެ އާދިއްތަ ބުރާސްފަތި އަދި ހުކުރު ދުވަހަކު ބާއްވަމުން އަންނައިރު ދެން އެންމެ އަވަހަށް މިފަދަ ފޯރަމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

މިރޭގެ އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވާނީ އައްޝައިޚް ޢިމްރާން ޢަބްދުﷲ އަދި އައްޝައިޚް ޢަބްދުﷲ ރަޝީދު

ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ 4 ވަނަ ފޯރަމް މިރޭ އޮންނާނެއެވެ.

”ތިބާ ﷲ އާއެކު ވާށެވެ!” މި މަޢުޟޫއަށް މިރޭ ތަޤްރީރު ކުރައްވާނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި އައްޝައިޚް ޢަބްދުﷲ ރަޝީދެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި މިރޭ ދަރުސް ބާއްވާއިރު އެހެން ރޭތަކެކޭ އެއްގޮތަށް މިރޭވެސް އިޙްޔާ ފޯރަމް ލައިވްކުރާނެއެވެ.
ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތައް މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް ކުޅުދުއްފުށީ ސިޓީގައި ބާއްވާފައިވާއިރު އަންނަ ހުކުރު ދުވަހު އިޙްޔާ ފޯރަމް އޮންނާނީ އައްޑޫ ސިޓީގައެވެ. މިމަހުގެ 22 ގައި ފުވައްމުލައް ސިޓީގައި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު ރ. އުނގޫފާރުގައި މި ފޯރަމް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.

އައުޓްރީޗް ޕްރޮގްރާމް މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކްގައި

އިސްލާމިކް މިނިސްޓްރީން ހުރިހާ އުމުރުފުރާއަކަށް ޚާއްސަކޮށް ކުރިއަށްގެންދާ ”އައުޓް ރީޗް 1443” ޕްރޮގްރާމް މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ.

ހަވީރު 16:00 އިން 17:30އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އާންމުންނަށް ދީނީ ޢިލްމުވެރިންނާއި ބައްދަލުކޮށް ސުވާލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ދީނީ ތަފާތު މަޢުލޫމާތާއި، ދީނީ ފޮތްތަކާއި، މުސްޙަފް، މި ޕްރޮގްރާމުން ލިބިގެން ދާނެއެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާއިރު ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަ ތަފާތު ކުޅިވަރުތަކާއިއެކު ހަދިޔާވެސް ލިބިގެންދާނެއެވެ. ކުޅިވަރުތަކުގެ ތެރޭގައި ސްނޭކް އެންޑް ލެޑަރއާއި ޕްލޭ ބޯލް، ކުރެހުން އަދި ކުލަ ޖެއްސުންވެސް ހިމެނެއެވެ.

ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު ބާއްވާ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ގްރޭޓަރ މާލެ ހިމެނޭ އެކި ސަރަޙައްދުތަކުންނެވެ.

ޒަމާނާ ގުޅިފައިވާ ޝިޢާރުތަކުގެ ތެރެއިން ރަމަޟާންމަހަކީ އޭގެ ޒާތުގައި ވަރަށް ވަރުގަދަ ޝިޢާރެއް- ޑރ. ސަޢުދުﷲ ޢަލީ

ޒަމާނާ ގުޅިފައިވާ ޝިޢާރުތަކުގެ ތެރެއިން ރަމަޟާންމަހަކީ އޭގެ ޒާތުގައި ވަރަށް ވަރުގަދަ ޝިޢާރެއްކަމަށް ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވެއްޖެއެވެ.

ޑރ. ސަޢުދުﷲ މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި އިޙްޔާ ފޯރަމްގައި ”ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން ” މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޢުޟޫއަށް ބައްލަވާލައްވަމުން ޑރ. ސަޢުދުއްﷲ ވިދާޅުވީ ޝިޢާރުތަކަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން ފާޅުވެ އެނގެން ހުންނަ ދީނުގައި ޝަރުޢުކުރެވިފައި ހުންނަ ކަންތައް އަދި އެކަންތަކާމެދު މުޢާމަލާތުކުރުމަށް އިންސާނުންނަށް އަންގަވާފައިވާ ކަންތައްކަމަށެވެ. މިގޮތުން ޝިޢާރުތަކަށް ބަލާއިރު ޒަމާނާއި ތަންތަނާއި ގުޅިފައިވާ ޝިޢާރުތައްވެސް ހުންނަކަމަށާއި އެގޮތުން ޒަމާނާ ގުޅިފައިވާ ޝިއާރުތަކުގެ ތެރެއިން ރަމަޟާންމަހަކީވެސް އޭގެ ޒާތުގައި ވަރަށް ވަރުގަދަ ޝިޢާރެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ތަރާވީޙް ނަމާދާއި އެހެނިހެން ނަމާދުތަކަކީ ރަމަޟާންމަހުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެއްކަމަށް ވިދާޅުވިއެވެ.

ރަމަޟާންމަހުގެ ހެޔޮކަމާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ. ސަޢުދުﷲ ވިދާޅުވީ މާތް ﷲގެ ރަޙުމަތާއި ފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމާއި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދިޔުމާއި ނަރަކައިގެ ދޮރުތައް ބަންދުވުމާއި ޝައިޠާނުންނަށް އިންސާނާ ހެއްލެނި ކުރުވަން އޮންނަ ފުރުސަތުތައް ބަންދު ކުރެވިގެންދާކަމަށާއި މިއީ ރަމަޟާންމަހުގައި ހުރި ޚާއްސަ ކަންތައްތަކުން ފާހަގަކޮށްލެވޭކަންތައްތައްކަމަށެވެ.

ދުވަސްތަކާ ގުޅިފައިހުރި ޝިޢާރެއްގެ ގޮތުގައި ބެލެވެނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސްކަމަށާއި އެއީ މާތް ﷲ އެ ދުވަސްތައް ގަންދެއްވައި ވަޙީކުރައްވާފައިވާ ދުވަސްތަކެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޒަމާނާ ގުޅިފައިވާ ޝިޢާރުގެ ގޮތުގައި ޢަރަފާތު ދުވަސް ހިމެނޭކަމަށާއި މިއީ ޙައްޖުގެ އަޅުކަމާއި ގުޅުންހުރި ޝަޢީރާތަކުގެ ތެރެއިން އެއް ޝިޢާރުކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޒަމާނާ ގުޅިފައިވާ ހުކުރު ދުވަހަކީވެސް ވަރަށް މުހިންމު ޝިޢާރެއްކަމަށް ވިދާޅުވެ އެ ދުވަހަކީ، އިރު އެދުވަހެއްގައި އަރާ އެންމެ ހެޔޮދުވަހުގެ ގޮތުގައިވާ ދުވަސްކަމަށް ރަސޫލާ ބަޔާންކުރައްވާއިވާކަމަށް ވިދާޅުވިއެވެ. އާދަމްގެފާނު ހެއްދެވިގެންވަނީ އެދުވަހުކަމަށާއި ސުވަރުގެއަށް ވެއްދުންވަނީ އެދުވަހު، އަދި ޤިޔާމަތްވުންވެސް ވަނީ އެދުވަހުކަމަށް ވިދާޅުވިއެވެ.

ޒަމާނާ ގުޅިފައިވާ އަނެއް މުހިންމު ޝިޢާރަކީ ފިޠުރު ޢީދާއި އަޟްޙާ އީދުދުވަސްކަމަށް ވިދާޅުވެ، އެއީ ގިނަ އަޅުކަންތައްތަކާއިއެކު  ﷲއަށް ޝުކުރުވެރިވުމުގެ ގޮތުން އުފާފާޅުކުރަމުންދާ ދެދުވަސްކަމަށްވެސް ވިދާޅުވިއެވެ. ހަމައެފަދައިން ޙުރުމަތްތެރިވެގެންވާ 4 މައްސަރަކީވެސް ޒަމާނާގުޅިފައިވާ ޝިޢާރުތަކުގެ ތެރެއިން ޝިއާރެއްކަމަށް ޑރ. ސަޢުދުއްﷲ ވިދާޅުވިއެވެ.

ތަނާ ގުޅިގައިވާ ބައެއް ޝިޢާރުތަކަށް ބައްލަވާލައްވަމުން ޑރ. ސަޢުދުއްﷲ ވިދާޅުވީ މި ޝިޢާރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މުހިންމު ޝިޢާރުތަކުގެ ގޮތުގައި ﷲ ގެ ގެކޮޅުތަކުގެ ތެރެއިން އަލް މަސްދިޖުލް ޙަރާމާއި އަލްމަސްޖިދުލް އަޤްޞާއާއި އަލްމަސްޖިދުލް ނަބަވީ ހިމެނިގެން ދަނީ ވަރަށް މުހިންމު ޝިޢާރުތަކުގެ ގޮތުގައިކަމަށެވެ.  އެތަންތަނަށް މީހާ ދަތުރު ހަދައިގެން ދިއުމަށް މާތް ނަބިއްޔާ ހިތްވަރު ދެއްވާފައިވާކަމަށާއި އެތަންތަނުގައި ކުރާ އަޅުކަންތައް އެހެން ތަންތަނުގައި ކުރާ އަޅުކަންތައްކަށްވުރެ ޚާއްސަކޮށް ނަމާދުގެ ސަވާބު އިތުރުވެގެންދާކަމަށް ވިދާޅުވިއެވެ. އަދި ހެޔޮކަންތައްތަކަށް ސަވާބު ލިބޭފަދައިން އެތަންތަނުގައި ކުރާ ނުބައިކަންތައްތަކަށް ލިބޭ އުޤޫބާތްވެސް ބޮޑުވެގެން ވާކަމަށް ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވިއެވެ.

މުޅި މައްކާ އެއްކޮށްވެސް ވެގެންދަނީ އިސްލާމީ މުހިންމު ޝިޢާރެއްގެ ގޮތުގައިކަމަށް ވިދާޅުވެ އެއީ އެންމެ ފުރަތަމަ މީސްތަކުންނަށްޓަކައި ބިނާކުރެވުނު ގެ ބިނާކުރެވުނު ބިމަށްވާތީކަމަށް ވިދާޅުވިއެވެ.

ތަންތަނާއި ގުޅުންހުރި ޝިޢާރުތަކުގެ އިތުރަށް އިސްލާމްދީނުގެ ކަންތައްތަކުގެ ތެރެއިން ފެންނަ އަނެއް ޝިޢާރަކީ ކީރިތި ޤުރުއާންކަމަށް ޑރ. ސަޢުދުއްﷲ ވިދާޅުވިއެވެ. އެއީ މީސްތަކުންނަށް ހިދާޔަތެއްކަމުގައިއާއި ޝިފާއެއްކަމުގައިއާއި އަދި ރަޙްމަތެއްކަމުގައިވާ ފޮތެއްކަމަށާއި އަދި އެފޮތަށް ތަބާވުމަށް ވަރަށް ވަރުގަދައަށް އަމުރުކުރެވިފައިވާ ފޮތެއްކަމަށްވެސް ވިދާޅުވިއެވެ.

ޤުރުއާނެކޭ އެއްފަދައިން އަނެއް މުހިންމު ޝިޢާރަކީ އިސްލާމްދީނުގެ އަޅުކަންތައްކަމަށް ވިދާޅުވެ އޭގެ ތެރެއިން އެންމެ މުހިންމު އަޅުކަމަކީ ނަމާދުކަމަށާއި އެގޮތުން ނަމާދު ޤާއިމްކުރުމަކީ ފަރުޟަކަށްވާއިރު ނަމާދަށް ފަރުވާތެރިނުވާމީހުންނަށް ހުރި އުގޫބާތްތައްވެސް ވަނީ ބަޔާންކޮށްދެއްވާފައެވެ.

ނަމާދެކޭ އެއްފަދައިން ޒަކާތަކީވެސް ވަރަށް މުހިންމު ޝިޢާރެއްކަމަށާއި މިޝިޢާރު ދަމަހައްޓަން މަސައްކަތް ކުރަންޖެހޭކަމަށްވެސް ޑރ. ސަޢުދުއްﷲ ވިދާޅުވިއެވެ.

ދީނީ ޝިޢާރުގެ ގޮތުގައި ފާހަގަކުރެވޭ އެންމެ ގިނަ ކަންތައް ހިމެނެނީ ޙައްޖުގެ އަޅުކަމާ ގުޅިގެންކަމަށް ވިދާޅުވެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި މިކަންކަމަކީވެސް އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވެސް ޑރ. ސަޢުދުﷲ ޢަލީ ވިދާޅުވިއެވެ.

އެކަންކަމެއް ކުރަން މާތް ﷲ އަމުރުކުރައްވާފައިވާކަންކަމަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިންވާ ކަންކަމަށްވެސް ވިދާޅުވިއެވެ.

ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން މި މަޢުޟޫއަށް، މި ފޯރަމްގައި ދެން ވާހަކަފުޅު ދެއްކެވީ އައްޝައިޚް ޢަބްދުލް ޢަޒީޒު ހުސައިންނެވެ. ޝައިޚްގެ ވާހަކަފުޅުގައި ބޮޑަށް ބައްލަވާލެއްވީ ޑރ. ސަޢުދުﷲ ޢަލީ ފާހަގަކުރެއްވި ޝިޢާރުތަކަށް މުޖުތަމަޢުގައި ޢަމަލުކުރެވޭ ގޮތާއި، ކުރެވޭ ބިދުޢަވެރިކަންތައްތަކާއި އެކަންކަމުގެ ހުރި ނުބައިކަމުގެ މައްޗަށެވެ. އަދި އެފަދަ ކަންކަން ރަނގަޅުކޮށް މާތް ނަބިއްޔާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބެހެއްޓުމުގެ މައްޗަށް ބައްލަވާލެއްވިއެވެ.  ހެޔޮކަމެއް ހެޔޮކަމަކަށްވާނީ މާތް ނަބިއްޔާގެ ސުންނަތުގައި އެކަމެއް ކުރުމަށް އިރުޝާދު ދެއްވާފައިވާ ގޮތަށް ކުރުމުންކަމަށްވެސް އައްޝައިޚް ޢަބްދުލް ޢަޒީޒު ހުސައިން ވިދާޅުވިއެވެ.

އިޙްޔާ ފޯރަމްގެ ތެރެއިން އަތޮޅުތަކުގައި ކުރިއަށް ގެންދާ އިޙްޔާގެ ފުރަތަމަ ޕްރޮގްރާމް މިރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާފައިވާއިރު

15 އޭޕްރިލްގައި އައްޑޫ ސިޓީގައި މި ފޯރަމް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ފިޔަވާ ސިޓީތަކުގައި އިޙްޔާ ފޯރަމް ކުރިއަށް ގެންދެވުމަކީ އެޅިގެންދާ ފަހި ފިޔަވަޅެއް- ސްޓޭޓް މިނިސްޓަރ

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އިސްނެންގެވުމުގެ މަތިން މާލެ ފިޔަވާ ސިޓީތަކުގައި އިޙްޔާ ޕްރޮގްރާމް ހިންގުމަށް ކަނޑައެޅިގެން ދިއުމަކީ ރައްޔިތުންނާހަމައަށް މެސެޖް ފޯރުކޮށްދިނުމުގައި އެޅިގެންދާ ފަހި ފިޔަވަޅެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްމިކް އެފެއާޒް އަލްއުސްތާޛް މުޙައްމަދު އަނީލް މިހެން ވިދާޅުވީ ކުޅުދުއްފުށީ ސިޓީގައި މިރޭ ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އޮފް ސްޓޭޓް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ މާލެ ފިޔަވާ ޚާއްސަކޮށް އާބާދީ ބޮޑު ސަރަޙައްދުތަކުގައި ސަރުކާރުގެ ފަރާތުން ހިންގާ ހުރިހާ މަޝްރޫޢުތަކެއް، އެއީ ތަރައްޤީގެ މަޝްރޫޢުތައްކަމުގައިވިޔަސް، އަދި އިންސާނުން ބިނާކޮށް ޚާއްސަކޮށް ހޭލުންތެރިކަމުގެ މިފަދަ މަޝްރޫޢުތައްކަމުގައިވިޔަސް ފޯރުކޮށްދިނުން އެއީ ސަރުކާރުގެ ސިޔާސަތެއްކަމަށެވެ. އެގޮތުން މާލޭގައި މި ފޯރަމް ބާއްވާގޮތަށް ކުޅުދުއްފުށީ ސިޓީގައިވެސް މި ފޯރަމް ބޭއްވިގެން ދިޔަކަމީ ކުރިއަށް އެޅިގެން ދިޔަ ފިޔަވަޅެއްކަމަށް ވިދާޅުވިއެވެ.

މިރޭގެ އިޙްޔާ ފޯރަމުގައި އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާތީއާއި އެސިޓީން މިނިސްޓްރީއަށް ދެއްވި އެއްބާރުލުމަށްޓަކައި އެކަމަށް ޝުކުރުއަދާކުރައްވަމުން ސްޓޭޓް މިނިސްޓަރ އަނީލް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި މިފަދަ ދީނީ ޕްރޮގްރާމްތައް ކުރިއަށްގެންދާއިރު ފެންނަ މަންޒަރަށް ބަލާއިރު މިރޭގެ ފޯރަމުގައި އެހާ ގިނަ ބަޔަކު ބައިވެރިވާނެކަމަށް އުންމީދު ނުކުރައްވާކަމަށާއި ކުޅުދުއްފުށީ ސިޓީން ދެއްކީ ވަރަށް ރީތި ނަމޫނާއެއްކަމަށެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ އެހެން ސިޓީތަކާއި ރަށްތަކުގެ ރައްޔިތުން ކުޅުދުއްފުށީ ސިޓީ ނަމޫނާއަކަށް ދެކިގެން އިޙްޔާ ފޯރަމްތަކުގައި ބައިވެރިވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށް ގެންދާ އިޙްޔާ ފޯރަމް މާލެ ފިޔަވައި 3 ސިޓީއާއި އިސްލާމީ މަރުކަޒުތައް ހުންނަ ދެ ރަށެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ފޯރަމްގައި ގުރުއަތުލުންވެސް ކުރިއަށްދާނީ މާލޭގެ ފޯރަމްތަކުގައިވެސް ކުރިއަށްދާ ފަދައިންކަމަށާއި ރާއްޖޭގެ ފަސް ސަރަހައްދުގައި ބޭއްވޭ ފޯރަމްތަކާއި މާލޭގައި ބޭއްވޭ ފޯރަމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން 1 ވަނަ އަށްދާ ފަރާތަކަށް ޢުމްރާ ދަތުރެއްދިނުމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު އަލީ ރޭ އިޢުލާން ކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.  2ވަނައަށްދާ ފަރާތަކަށް އަގުބޮޑު ފޯނެއް ދިނުމަށް ހަމަޖެހިފައިވާއިރު 3 ވަނައަށް ދާ ފަރާތަކަށް ރަނގަޅު ފެންވަރުގެ ޓީވީއެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައިކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް އަނީލް ވިދާޅުވީ ގުރުއަތުލުން ކުރިއަށް ގެންދާނީ މާލެއާއި އަތޮޅުތައް ވަކިން ކަމަށާއި އެއީ ގިނަ ބަޔަކަށް އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައިކަމަށެވެ.

މިފަދަ އިނާމުތައް ދިނުމުގެ މަޤްސަދަކީ އިޙްޔާ ފޯރަމްފަދަ މުހިންމު ދީނީ މަޢުލޫމާތުތައް ފޯރުކޮށްދޭ ޖަލްސާތަކުގައި ގިނަބަޔަކު ބައިވެރިވާން ހިތްވަރު ދިނުންކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީގެ ސިޔާސަތަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ލާމަރުކަޒީކޮށް ޚިދުމަތްތައް ދިނުންކަމަށާއި ކައުންސިލާއި ވަރަށް ގާތުން މިނިސްޓްރީން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންވެސް މިނިސްޓަރ އޮފް ސްޓޭޓް އަނީލް މިރޭ ވަނީ ދެއްވާފައެވެ.

އިޙްޔާ ފޯރަމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް

އިޙްޔާ ފޯރަމްތަކުގައި ދޫކުރާ ނަންބަރުތައް ފޮރުވާފައި ބެހެއްޓުމަށް މިނިސްޓަރ އޮފް އޮސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރޭގެ އިޙްޔާ ފޯރަމް ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މާލެއާއި އަތޮޅުތަކުގައި އިޙްޔާ ފޯރަމްތައް ކުރިއަށްދާއިރު ކޮންމެ ރެއަކު، ގުރުވަތުން ހޮވޭ ފަރާތްތަކަށް އިނާމު ދެވޭނެކަމަށާއި އިޙްޔާ ފޯރަމްތަކުގައި އެރެއަކު ދޫކުރައްވާ ނަންބަރުކޮޅުތައް ފޮރުވާފައި ބޭއްވުން ވަރަށް މުހިއްމުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރަމަޟާންމަހުގެ އެންމެ ފަހު އިޙްޔާ ފޯރަމްގައި މާލެއާއި އަތޮޅުތެރޭގައި ބާއްވާ ޖަލްސާތަކުގައި ދޫކުރާ ހުރިހާ ނަންބަރުތައް ގުރުއަތުގައި ހިމަނާނެކަމަށެވެ. އަދި ގުރުވަތުން ހޮވާނީ މާލެއާއި އަތޮޅުތަކުގެ ނަންބަރުތައް ވަކިންކަމަށާއި މި ގުރުވަތުގައި އަތޮޅުތެރެއާއި މާލެ ވަކިން  1ވަނަ، 2ވަނަ، އަދި 3 ހޮވަން ހަމަޖެހިފައިވާއިރު އަގުބޮޑެތި އިނާމުތަކެއް ލިބިގެން ދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މާލެ އާއި އަތޮޅު ވަކިން ގުރުވަތުލާގޮތަށް ނިންމީ ގިނަ ބަޔަކަށް އިނާމު ލިބުމުގެ ފުރުޞަތު ދިނުމަށްޓަކައިކަމަށެވެ.

އިޙްޔާ ފޯރަމްތަކުގައި ކޮންމެ ރެއަކުވެސް ހޮވޭ ފަރާތްތަކަށް އިނާމު ހަވާލުކުރާއިރު އޭގެ ތެރޭގައި ފައިސާގެ އިނާމާއި މިނިސްޓްރީން ދޭ އިނާމުވެސް ހިމެނެއެވެ.

ސިޓީތަކުގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ކުޅުދުއްފުށީ ސިޓީގައި

އިހްޔާ ފޯރަމް ބާއްވަން ފެށިފަހުންސިޓީތަކުގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެއެވެ.

ކުޅުދުއްފުށީގެ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިރޭ 21:30 އިން 22:30 އަށް ގެންދާ މި ފޯރަމްގައި ތަޤުރީރުކުރައްވާނީ ޑރ. ސަޢުދުﷲ ޢަލީ އަދި އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިން އެވެ. މިބޭފުޅުން ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ މައުޟޫއުއަކީ ”ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން” މި މައުޟޫއެވެ. މިރޭގެ ފޯރަމް މުންނާރު ޗެނަލުން ވަގުތުން ދައްކާނެއެވެ.

މި އަހަރުގެ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ އަތޮޅުތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން މިރޭ ކުޅުދުއްފުށީ ސިޓީގައި އިޙްޔާ ފޯރަމް ބާއްވާއިރު 15 އޭޕްރީލްގައި އައްޑޫ ސިޓީގައި، 22 އޭޕްރީލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ. އުނގޫފާރުގައި މި ފޯރަމް ކުރިއަށް ގެންދާނެއެވެ.

އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައެވެ.

މިއީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޖަލްސާތައް ބާއްވަންފެށިފަހުން، ސިޓީތަކުގައި މިފަދަ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ރަމަޟާންމަހަކީ ނިދުމުގެ އާދަ އިޞްލާޙުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް: އައްޝައިޚް ހަސަން ލަތީފް

ރަމަޟާންމަހަކީ ނިދުމުގެ އާދަ އިޞްލާޙުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް އައްޝައިޚް ހަސަން ލަތީފް މޫސާ ވިދާޅުވެއްޖެއެވެ.  

ޝައިޚް މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ އިޙްޔާ ފޯރަމްތަކުގެ ދެވަނަ ފޯރަމްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. 

” ރޯދައިން ލިބޭ އަޚްލާޤާއި ސުލޫކުގެ ފިލާވަޅުތައް ” މި މަޢުޟޫއަށް މިރޭގެ ފޯރަމްގައި ވާހަކަދައްކަވަމުން ޝައިޚް ހަސަން ލަތީފް މޫސާ ވިދާޅުވީ ނިންޖަކީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެއްކަމަށެވެ.

ނިދުމުގެ އާދަ މެދުމިނުގައި ގެންގުޅުމުގެ މުހިންމުކަމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝައިޚްވަނީ އިންސާނުންގެ ކިބައިގައި ނިދީގެ ނިޒާމް މާތްﷲ ލައްވަވާފައިވާ ގޮތާއިބެހޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އަރާމު ނިންޖަކަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަމާއި އިންސާނާގެ ނިދި ފުރިހަމަކުރުމަށް ނުންވަނީ ކިތައް ގަޑިއިރުކަމާއި ފުރިހަމަ ނިދި ލިބިގަތުމާއިއެކު ދަމުނަމާދު ލިބިގަތުމަށްޓަކައި ނިދުން އެންމެ ރަނގަޅު ވަގުތުތައްވަނީ ޕްރެޒެންޓޭޝަންގެ އެހީގައި ކިޔައިދެއްވާފައެވެ.  

ރޭގަނޑު އަވަހަށް ނިދަން ޖެހޭކަން ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާކަމަށާއި ގިނައިން ކެއުމަކީ ރަސޫލާގެ ސުންނަތާއި ޚިލާފުކަމެއްކަމަށްވެސް ވިދާޅުވިއެވެ. އަދި ރޯދައަށް ހުރުމަށްފަހު ގިނައިން ކެއުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރެވިދާނެ ބައެއްކަންތަކުގެ މައްޗަށްވެސް ބައްލަވާލައްވާ ޚާއްސަކޮށް މިކަމަށް ޒުވާނުން ވިސްނަންޖެހޭކަން އައްޝައިޚް ހަސަން ލަތީފް މޫސާ ވަނީ ފާހަގަކުރައްވާފައެވެ.