ފ.ނިލަންދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

 

ފ.ނިލަންދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އިން  ސޮއިކޮށްފިއެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ޢަލީ އިސްމާޢިލެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

365 ދުވަސްތެރޭގައި ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ  14 ފެބްރުއަރީ 2022 ވަނަ ދުވަހުއެވެ. ދިވެހި ދައުލަތުން 11.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފާ ހުންނާނެއެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.

ނ.ލަންދޫގައި އަލަށް އިމާރާތްކުރި މިސްކިތް ރައީސުލް ޖުމްޙޫރިއްޔާ ހުޅުވައިދެއްވައިފި

ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން، ނ.ލަންދޫގައި އަލަށް ޢިމާރާތްކުރި މަސްޖިދުލް ފުރުޤާން، ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުޅުވައިދެއްވައިފިއެވެ. 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކަތަކީ ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.
މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި، ނަމާދުކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއެކު މި މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 22 ޑިސެމްބަރު 2020 ވަނަ ދުވަހުއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ސޮއިކުރައްވާފައިވާއިރު، އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ކުންފުނީގެ ޑިރެކްޓަރ މުހައްމަދު އައިމަންއެވެ.
ރައީސުލް ޖުމްޙޫރިއްޔާގެ ރިޔާސީ ވަޢުދުގައިވާ ގޮތުގެމަތިން އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ފައްޓާފައިވަނީ 24 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ. މިސްކިތުގެ މަސައްކަތް ނިންމާފައިވަނީ 05 އޮކްޓޯބަރ 2021 ވަނަ ދުވަހުއެވެ. ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 3024 އަކަފޫޓޫގެ މި މިސްކިތް ނިންމާ މިނިސްޓްރީ ހަވާލުކޮށްފައިވަނީ 04 ޖަނަވަރީ 2022 ވަނަ ދުވަހުއެވެ.

މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކަށް ނަގުދު ފައިސާ ބަލައިގަންނަނީ

މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކުގެ ތެރޭގައި ހިމެނޭ މިސްކިތްތަކަށް އެހީވާ ވަޤްފް ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަޤްފް ފަންޑަށް 30 އޭޕްރީލް 2022 ގެ ނިޔަލަށް ނަގުދު ފައިސާ ބަލައިގަތުމަށް ހަމަޖެހިއްޖެއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން މި ގޮތަށް ހަމަޖެއްސެވީ، މި ފަންޑުތަކަށް ނަގުދު ފައިސާއިން އެހީތެރިވެދެން ބޭނުންފުޅުވާ ފަރާތްތަކަށް އެކަން ފަހިކޮށްދިނުމުގެ ގޮތުންނެވެ.  30 އޭޕްރީލް 2022 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 09:00 ން މެންދުރު 12:00 އަށް މިނިސްޓރީގެ ރިސެޕްޝަނުން ނަގުދު ފައިސާއިން ބަލައިގަންނާނެއެވެ.

ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކެވުމުގައި މިހާރު ބޭނުންކުރަނީ ބަނޑޭރި ޕޯޓަލްއެވެ. ނަގުދު ފައިސާއިން މިނިސްޓްރީގެ މި ފަންޑުތަކަށް ފައިސާ ބަލައިގަންނަގޮތަށް ހަމަޖެހިފައި ވީނަމަވެސް ބަނޑޭރިޕޭއިންވެސް ފައިސާ ޖަމާކުރެވޭނެއެވެ. ބަނޑޭރިޕޭ މެދުވެރިކޮށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބޭނުންކުރައްވާނީ https://bandeyripay.finance.gov.mv މި ލިންކެވެ.

މުދަލު ޒަކާތް އެންމެ ގިނައިން ދައްކާފައިވަނީ މި އަހަރު

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން 85 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނައިން މުދަލު ޒަކާތް ދެއްކި އަހަރުކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މުދަލު ޒަކާތުގެ މިހާރުގެ ނިޞާބަކީ 6878.20 ރުފިޔާއެވެ. މުދަލު ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ. ނިޞާބު ހަމަވެ، އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ، ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލުން ރަޖިސްޓްރީވުމަށް ފުރުޞަތު ވަނީ މިހާރު ހުޅުވާލާފައެވެ.

ތ. ދިޔަމިގިލީގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތ.ދިޔަމިގިލީގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އިން  ސޮއިކޮށްފިއެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރ އަލްފާޟިލާ މުރުޝިދާ އަލިމަނިކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަދި އެކްޓިން ޕާމަނަންޓް ސެކެޓްރީ އަލްފާޟިލް ޢަބްދުލް ޢަޒީޒް އިސްމާޢިލްއެވެ.

365 ދުވަސްތެރޭގައި ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ  2022 ވަނަ އަހަރުގައެވެ. ދިވެހި ދައުލަތުން 8.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި މި މިސްކިތުގައި އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފާ ހުންނާނެއެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.