މަސްޖިދުލް ސަލްމާން (ސަލްމާން މިސްކިތް) ގައި މިއަދު ހުކުރުނަމާދުން ފެށިގެން ނަމާދުކުރަންފަށައިފިއެވެ. މި މިސްކިތަކީ ސަޢުދީ ސަރުކާރުގެ ހިލޭ އެހީގައި ހަދާފައިވާ 5 ފަންގިފިލާގެ ބިނާއެކެވެ.
މިސްކިތުގެ ގޯތިތެރެއާއި އެއްކޮށް ޖުމްލަ 9000 މީހުންނަށް ނަމާދުކުރެވޭނެހެން ހަދާފައިވާ މި މިސްކިތުގައި އަންހެނުންނާއިފިރިހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިއެވެ. އެގޮތުން އަންހެނުންނަށްވެސް ވަކިން ވުޟޫކުރެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މަސްޖިދު ސަލްމާންގެ 2 ފޮލޯގައި ނަމާދު ކުރާއިރު ފުރަތަމަ ބުރީގައި ހުންނަ ފިރިހެނުން ނަމާދު ކުރާ ބައިގައި 2265 މީހުންނަށް ނަމާދުކުރެވޭނެއެވެ. 2 ވަނަ ބުރީގައި ހުންނަ އަންހެނުންނަށް ޚާއްސަ ކޮށްފައި ހުންނަބައިގައި 1755 މީހުންނަށް ނަމާދު ކުރެވޭނެއެވެ. އަދި ގޯތިތެރޭގައި 5000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި އެންމެ ޒަމާނީ ފެންވަރަށް ބިނާކުރެވިފައިވާ މި ބިނާ 5 ބުރިޔަށްހަދާފައިވާއިރު 1 ވަނަ ފަންގިފިލާގައި ހުންނާނީ ފިރިހެނުން ނަމާދުކުރާ ބައެވެ. އަދި 2 ވަނަ ފަންގިފިލާގައި އަންހެނުން ނަމާދުކުރާ ބައި، 3އަދި 4 ވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލް، އަދި 5ވަނަ ފަންގިފިލާގައި ހުންނަނީ މަލްޓިޕަރޕަސްހޯލާއި ލައިބްރަރީއެވެ.
ސަލްމާން މިސްކިތުގައި ހުކުރު ދުވަހުން ފެށިގެން ނަމާދުކުރަން ފެށި ކަމުގައިވިޔަސް ރަސްމީކޮށް މިވަގުތު ބޭނުންކުރާނީ ހަމައެކަނި 1 ވަނަ ފަންގިފިލާއާއި 2 ވަނަ ފަންގިފިލާއެވެ. އަދި ލިފްޓުތައް މިވަގުތު އާންމުކޮށް ބޭނުން ނުކުރި ކަމުގައިވީނަމަވެސް ބަލިމީހުންނާއި ސިޑިން ނޭރޭ މީހުންނަށް ލިފްޓު ބޭނުންކުރެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.
ސަލްމާން މަސްޖިދުގައި މިއަދު ކުރި ހުކުރުނަމާދުގައި ޚުތުބާ ދެއްވީ އައްޝައިޚް އިލްޔާސް ޙުސައިންއެވެ. މިއަދު ހުކުރު ނަމާދުގެ ޖަމާޢަދުގައި 8500 ވުރެ ގިނަ މީހުން ވަނީ ބައިވެރި ވެފައެވެ.