Skip to content

މާލެ ސިޓީ އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމް އިފްތިތާޙްކޮށްފި

(Last Updated On: December 2, 2021)

މާލެ ސިޓީ އިމާމުންނާއި ޚަތީބުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. ރަސްމިއްޔާތު ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވިގޮތުގައި މި ޕްރޮގްރާމަކީ، އިމާމުންނާއި ޚަތީބުންގެ މައްސޫލިއްޔަތުތައް އިތުރަށް ހަނދާން އާކޮށްލަދީ، އެ ބޭފުޅުންނަށް ކުރެވޭ ކުއްތަށް ބަޔާންކޮށްދީ އެކަންކަން ރަނގަޅުކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ. ހަމައެހެންމެ މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެއް ކަަމަށާއި މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ހިންގުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އިޝާރާތްކުރައްވާފައެެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ މިސްކިއްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަކީ، ދީނީ ކަންކަމުގައި ޢާއްމު ރައްޔިތުންނާއެކު ފަރުޟު ފަސްނަމާދު އިސްކުރައްވާ ފަރާތްތައް ކަމަށްވާތީ، އެފަރާތްތަކަށް އިތުރު ތަމްރީނުދިނުމާއި، ހުނަރުވެރިކަން އިތުރުކުރުމާއި، ފުޅާދާއިރާއެއްގައި އެބޭފުޅުންގެ މަސައްކަތްތައް ބައްޓަންކުރުމަށް މަގުފަހިކުރުމުވެ.

02 ޑިސެމްބަރ 2021 ވަނަ ދުވަހުން ފެށިގެން 04 ޑިސެމްބަރ 2021 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފުންނާބުއުސް ޢިލްމުވެރިންނާއި ޤާރީންނެވެ. މި ޕްރޮގްރާމްގައި 43 ޚަތީބުންނާއި، 43 އިމާމުންނާއި 8 ޕޫލް އިމާމުންނާއެކު ޖުމްލަ 94 ބޭފުޅުން ބައިވެރިވެއެވެ. މައިގަނޑު ގޮތެއްގައި މި ޕްރޮގްރާމްގައި ކިޔަވައިދޭނީ ތަޖުވީދު، ހުކުރު ޤަވާޢިދާ އުސޫލު، ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލު، މަސައްކަތުގެ އަޚްލާޤާއި އެހެން މީހުންނާއި މުޢާމަލާތްކުރުން، ނަމާދުގެ ޙުކުމްތައް އަދި ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތް ފަދަ މަޢުލޫތަކަށެވެ.