Skip to content

ނ.ލަންދޫގައި އަލަށް އިމާރާތްކުރި މިސްކިތް ރައީސުލް ޖުމްޙޫރިއްޔާ ހުޅުވައިދެއްވައިފި

(Last Updated On: January 4, 2022)
ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން، ނ.ލަންދޫގައި އަލަށް ޢިމާރާތްކުރި މަސްޖިދުލް ފުރުޤާން، ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުޅުވައިދެއްވައިފިއެވެ. 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ މި މިސްކަތަކީ ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.
މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި، ނަމާދުކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއެކު މި މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 22 ޑިސެމްބަރު 2020 ވަނަ ދުވަހުއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ސޮއިކުރައްވާފައިވާއިރު، އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ކުންފުނީގެ ޑިރެކްޓަރ މުހައްމަދު އައިމަންއެވެ.
ރައީސުލް ޖުމްޙޫރިއްޔާގެ ރިޔާސީ ވަޢުދުގައިވާ ގޮތުގެމަތިން އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ފައްޓާފައިވަނީ 24 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ. މިސްކިތުގެ މަސައްކަތް ނިންމާފައިވަނީ 05 އޮކްޓޯބަރ 2021 ވަނަ ދުވަހުއެވެ. ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 3024 އަކަފޫޓޫގެ މި މިސްކިތް ނިންމާ މިނިސްޓްރީ ހަވާލުކޮށްފައިވަނީ 04 ޖަނަވަރީ 2022 ވަނަ ދުވަހުއެވެ.