Skip to content

ސ.މަރަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

(Last Updated On: January 20, 2022)

ސ.މަރަދޫގައި މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ބީއޭޕީސީ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީ އިން  ސޮއިކޮށްފިއެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ އެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

320 ދުވަސްތެރޭގައި ޢިމާރާތްކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ލަފާކުރާ ތާރީޚަކީ 17 ފެބްރުއަރީ 2022 ވަނަ ދުވަހުއެވެ. ދިވެހި ދައުލަތުން 12.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަންހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމް ކުރާގޮތަށް ހަމަޖެހިފައިވާ މި މިސްކިތް ޢިމާރާތް ކުރަން ނިންމީ މިވަގުތު މަރަދޫގައި ހުރި މިސްކިތްތަކުގެ ޖާގަ ކުޑަވެފައިވާތީ، އާ މިސްކިތަކަށް ބޭނުން ޖެހިފައި ވުމުގެ ސަބަބުންނެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތްތައް ނިމޭއިރު އިއާދަކުރަނިވި ޙަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިސްކިތުގައި ފާޚާނާ، ވުޟޫކުރާބައި ގުދަން އަދި މުންނާރެއް ހުންނާނެއެވެ.