Skip to content
289616682_344797687830773_8413190174248388544_n

ދިވެހި ޙައްޖުވެރިން ބުރާސްފަތި ދުވަހު ހެނދުނު މިނާއަށް ދާން ފުރާނެ

(Last Updated On: July 6, 2022)

1443ވަނަ އަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިން ބުރާސްފަތި ދުވަހު ( 07 ޖުލައި 2022) މައްކާ ގަޑިން ހެނދުނު 6 ޖަހާއިރު މިނާއަށް ދާން ފުރާނެއެވެ. އެއީ ރާއްޖެގަޑިން ހެނދުނު 8 ޖަހާއިރެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ރާއްޖޭގެ ޙައްޖު މިޝަންއިން މަޢުލޫމާތުދެއެވެ.

ޙައްޖުވެރިން މިނާއިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ދިއުމަށެވެ.  ޙައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.

ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިކަމަށް އުމުރުން އެއްފަހަރުކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ.

މިއަހަރުގެ ޙައްޖުދުވަހަކީ ޖުލައި 08 ވާ ހުކުރު ދުވަހެވެ.