ހއ.ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ހއ.ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.
ފެބުރުވަރީ 16 އިން 19 އަށް ހއ. ދިއްދޫގައި ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި ހއ.އަތޮޅުގެ ރައްތަކުން ޖުމްލަ 48 އިމާމުންނާއި ޚަތީބުން ބައިވެރި ވެފައިވެއެވެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާފައިވަނީ މިދާއިރާގެ ފުންނާބު އުސް ޢިލްމުވެރިންނާއި ޤާރީން، އެގޮތުން 3 ޢިލްމުވެރިންނާއި 3 ޤާރީން ކިޔަވައިދެއްވާފައިވެއެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ފަރާތްތަކަކީ، ޢާއްމު ރައްޔިތުންނާއެކު ފަރުޟު ފަސްނަމާދު އިސްވެކުރައްވާ ފަރާތްތައް ކަމަށްވާތީ، އެފަރާތްތަކުގެ ޢިލްމާއި ހުނަރާއި އަދި ޤާބިލްކަން އިތުރުކުރުމެވެ.
މި ޕްރޮގްރާމްގައި ނަމާދުގެ ޙުކުމްތަކާއި، ޚިލާފީ މައްސަލަތަކުގައި ޢަމަލުކުރާނެގޮތާއި މަސައްކަތުގެ އަޚްލާޤާއި، އެހެން މީހުންނާއި މުޢާމަލާތްކުރުން ފަދަ މައުޟޫޢުތަކާއި ތަޖުވީދުގެ އިތުރުން ޚުޠުބާ ހުށަހެޅުމުގައި ވިސްނަންވީ ކަންކަމާއި، އިމާމުންނާއި ގުޅޭ ސިވިލް ސާވިސްގެ ޤަވާޢިދާ އުސޫލުތަކާއި ހުކުރު ޤަވާޢިދާ އުސޫލު ބަޔާންކޮށްދީފައިވެއެވެ.
އޭގެ އިތުރުން އިމާމުންނާއި ޚަތީބުންގެ މަސްއޫލިއްޔަތުތައް  އަދާކުރުމުގައި ކުރެވޭ ކުއްތަށް ފާހަގަކޮށް އެކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ބަޔާން ކޮށްދީފައިވެއެވެ.

މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެއް ކަމަށް ވުމާއި އެކު މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް އޮތްތާގައި އެހެން އަތޮޅު ތަކުގައިވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް ނިމި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލު ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ . އަޙްމަދު ޒާހިރު ޢަލީއެވެ.

ހިޔާލު ފާޅުކުރައްވާ !