ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފެށުން 13:00ގައި

މާލެސިޓީގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފެށުން 19 އެޕްރިލް 2023 (މިއަދު) 13:00ގައި އޮންނާނެއެވެ.

1444ވަނަ އަހަރު ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީގައި ފިޠުރުޒަކާތް ބެހުން ކުރިއަށްދާނީ 19 އަދި 20 އެޕްރިލް 2023، މި ދެ ދުވަހު، މަޖީދިއްޔާ ސްކޫލުގެ ‘ޞަލާހުއްދީން ހޯލް’ގައެވެ. މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވާގޮތް:

19 އެޕްރިލް 2023 (ބުދަ)         13:00-15:15އަށް، 16:00- 17:30އަށް، 21:00- 22:30އަށް.

20 އެޕްރިލް 2023 (ބުރާސްފަތި)     10:00-17:30އަށް އަދި 20:00- 22:00އަށް

18 އެޕްރިލް 2023ގެ ނިޔަލަށް ގޮވާމުން ޒަކާތް ދައްކާފައިވަނީ ޖުމްލަ 2723މީހުންނެވެ.

ޒަކާތާއި ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުގެ ޖުމްލަ 7378.7 ކިލޯ ލިބިފައިވެއެވެ.

އެއީ ގޮވާމުން ޒަކާތްދެއްކި 6535.2 ކިލޯއާއި ޞަދަގާތުގެ ގޮތުގައި ދެއްކި 843.5 ކިލޯއެވެ.

ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ (އާދައިގެ) ، ބާސްމަތީ ހަނޑޫ (މޮޅު)، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) ،އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ފުށް އަދި އާޓާ ފުށުންނެވެ.

ގޮވާމުން ޒަކާތް ދެއްކުން ކުރިއަށްދާނީ 20 އެޕްރިލް 2023  )މާދަމާ)ގެ ނިޔަލަށެވެ.

ގޮވާމުން ޒަކާތް ބަލައިގަންނާނީ:

  • މަޖީދިއްޔާ ސްކޫލުގެ ‘ޞަލާހުއްދީން ހޯލް’ގައި
  • ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 15:15އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.

1444 ވަނަ އަހަރު އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުން 27 ރަމަޟާން 1444އަށް ވަނީ މެދުކަނޑާލެވިފައެވެ. އެހެންނަމަވެސް ބަނޑޭރިޕޭ https://bandeyripay.finance.gov.mv/ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ބަލައިގަނެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ !