ރަންތާޖު ޤުރުއާން މުބާރާތުން 1 ވަނަ ހޯދި ސާޢީއާ މިނިސްޓަރ ބައްދަލުކުރައްވައިފި

ރަންތާޖު ޤުރުއާން މުބާރާތުން 1 ވަނަ ހޯދި މުޙައްމަދު ސާޢީ މުބާރިކްއާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްދަލު ކުރައްވައިފިއެވެ.

މި މުބާރާތުގެ ފަޚުރުވެރި 1 ވަނަ ލިބުމާއި ގުޅިގެން މުޙައްމަދު ސާޢީއާއި މިނިސްޓަރ އަޙްމަދު ޒާހިރު ޢަލީ ބައްދަލުބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވިއެވެ. މުޙައްމަދު ސާޢީ ދެއްކިވާހަކައިގައި މިފަދަ މުބާރާތެއްގައި ބައިވެރިވެ ފަޚުރުވެރި އެއްވަނަ ލިބުމުގައި މައިންބަފައިންގެ އެހީތެރިކަން، ޚާއްސަކޮށް އޭނާގެ މަންމަގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރިއެވެ. އަދި އިތުރަށް ކުރިއަށް ދާން ބޭނުންވަނީވެސް ދިނީ ތަޢުލީމުގެ ރޮނގުންކަމަށްވާތީ ރާއްޖެއިން ބޭރުން، އިސްލާމީ ޤައުމަކުން ކިޔެވުމުގެ ޝައުގުވެރިކަން ހުރިކަން ފާހަގަކުރިއެވެ. މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީވަނީ އެކަމުގައި، މިނިސްޓްރީން ކޮށްދެވެން ހުރި މަސައްކަތްތަކެއް ކުރައްވާނެކަމަށާއި އެކަމުގައި އެހީތެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.

ރަންތާޖު ޤުރުއާން މުބާރާތަކީ އިސްލާމިކް މިނިސްޓްރީއާއި ރާއްޖެ ޓީވީ އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރވަނީ 1444 ވަނަ އަހަރު މިނިސްޓްރީން ރަމަޟާންމަހަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމްތަކުގެ ތެރެއިން ރަންތާޖު ޤުރުއާން މުބާރާތަކީ ވަރަށް ފުރިހަމައަށް ކުރިއަށް ގެންދެވުނު މުބާރާތެއްކަން ފާހަގަކުރައްވާފައެވެ. އަދި އެހާ ފުރިހަމައަށް ކުރިއަށް ގެންދެވުނުކަމަށްޓަކައި އެއްބާރުލުން ދެއްވި ފަރާތްތަކަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި މުބާރާތުގެ ބައިވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވުނުކަމަށްވެސް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ މި ރަސްމިއްޔާތުގައި ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ !