އިސްލާމިކް ސެންޓަރާއިއެކު އައްޑޫ ސިޓީގައި މި ދައުރުގައި ޖުމްލަ 4 މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސުލްޖުމްހޫރިއްޔާގެ ނާއިބު

މިއަދު ޢަމަލީ މަސައްކަތް ފެށުނު އިސްލާމިކް ސެންޓަރާއިއެކު އައްޑޫސިޓީގައި މި ދައުރުގައި ޖުމްލަ 4 މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މިހެން ވިދާޅުވީ އައްޑޫސިޓީ ހިތަދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމަށް މިއަދު އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ދީނީ ކަންތައްތަކަށް ވަރަށް ބޮޑަށް އިސްކަންދެއްވާކަމަށާއި އާންމުރައްޔިތުންނާއި ޚާއްސަކޮށް ދަރިވަރުންގެމެދުގައި ދިނީ ހޭލުންތެރިކަން އިތުުރުކުރެއްވުމަށްވެސް ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށް ވިދާޅުވިއެވެ. މިގޮތުން ދީނީ ރޮނގުން މީހުން ބިނާކުުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ މަސައްކަތްތަކަށްބަލާއިރު މީގެ ކުރިން ދުވަހަކުވެސް މިމަސައްކަތް ކުރިއަށް ނުގެންދެވޭވަރަށް މިހާރު ދީނީ ޕްރޮގްރާމްތަކާއި ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތައް ކުރެވޭއިރު، ތަފާތު އެކިއެކި މަޝްރޫޢުތައްވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މިއަދު ޢަމަލީ މަސައްކަތް ފެށުނު އިސްލާމިކް ސެންޓަރާއިއެކު އައްޑޫ ސިޓީގައި މި ދައުރުގައި ޖުމްލަ 4 މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަދާކަމަށެވެ.  މިކަމުން ދައްކުވައިދެނީ މި ސަރުކާރުން އައްޑޫސިޓީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައްކަމަށް ވިދާޅުވިއެވެ. އަދި މި ނޫން އެހެނިހެން ދާއިރާތަކުން ކުރިއަށްދާ މަޝްރޫޢުތަކާއިއެކު ކުރިއަށް އޮތް އަހަރުތަކުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ތަފާތު މުޅިން އެހެން ސަފްޙާތަކެއް ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މި ސަރުކާރުން މިސްކިތްތަކާ އެކި މަޝްރޫޢުތައް ބިނާކުރުމަށް، ހަމައެކަނި ބިންގާ އެޅުމަށްފަހު ދޫނުކުރައްވާކަމަށާއި މި ސަރުކާރުން ފަށަނީ އެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތްކަމަށެވެ.  އެގޮތުން މިއަދު ޢަމަލީ މަސައްކަތް ފެށުނު މި ބިނާއަކީ މިސްކިތެއްގެ އިތުރުން ދީނީ ތަފާތު ޕްރޮގްރާމްތައް ހިނގޭ ގޮތަށް ފަރުމާކުރެވިގެން އިމާރާތްކުރެވޭ ބިނާއެއްކަމަށް ވިދާޅުވިއެވެ.

މިއީ ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ އަހައްމިޔަތުކަން ފާހަގަވާކަމެއްކަން ފާހަގަކުރައްވާ އެކަމަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި މިފަދަ ބިނާތަކަކީ އިސްލާމީ ޝިޢާރުފާޅުކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތްކަމަށާއި މި ބިނާގެ މަސައްކަތްވެސް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު މިރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން ވަނީ ރާއްޖޭގައި ދީނީ ޝިޢާރުތައް ކުރިއަރުވައި، އެފަދަ ބިނާތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިމާރާތްކުރެވޭއިރު މި ދައުރުގެ ތެރޭގައި އެ ސިޓީގައި މުހިންމު ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިއަދު ޢަމަލީ މަސައްކަތް ފެށުނު އިމާރާތުގެ ސަބަބުން އައްޑޫ ސިޓީގައި މިނިސްޓްރީގެ ފަރާތުން ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

މިއަދު ޢަމަލީ މަސައްކަތް ފެށުނު އައްޑޫސިޓީ އިސްލާމިކް ސެންޓަރަކީ 1500 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ ސެންޓަރެކެވެ. މި ބިނާގައި މަލްޓިޕަރޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، 2 ސެމިނަރ ރޫމާއި، އިދާރީ މަސައްކަތްކުރުމަށް އޮފީސްބަޔަކާއި، އިސްލާމިކް ލައިބްރަރީއެއްވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 55،528،189.74 (ފަންސާސް ފަސް މިލިއަން ފަސްލައްކަ އަށާވީސްހާސް އެއްސަތޭކަ އައްޑިހަ ނުވަ ރުފިޔާ ހަތްދިހަ ހަތަރު ލާރި)ގެ މަޝްރޫއެކެވެ.

މި ބިނާ އިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާއިއެކު ސޮއިކޮށްފައިވަނީ 24 މާރިޗް 2023ގައެވެ. 540 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާ މި ބިނާ އަކީ ދެ ފަންގިފިލާއަށް ހަދާ ތަނެކެވެ.

ހިޔާލު ފާޅުކުރައްވާ !