ދެ މިސްކިތެއް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. މުރައިދޫއާއި ގއ. ގެމަނަފުށީގައި އިމާރާތްކުރާ މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޙުސައިން ވަޙީދެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ބިނާކުރެވޭ މިސްކިތްތަކަކީ އެރަށްރަށުގެ ރައްޔިތުން ވަރަށް ބޮޑު އުންމީދެއް އެ ބިނާތަކާމެދު އޮންނަ ބިނާތަކަކަށްވާތީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫޢުގެ މަސައްކަތް ނިންމައި މިނިސްޓްރީއާއި ޙަވާލުކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އެކަމުގައި މިނިސްޓްރީގެ ފަރާތުން ދެއްވަންޖެހޭ އެއްބާރުލުންވެސް ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން ހއ.މުރައިދޫގައި އިމާރާތްކުރާ މިސްކިތުގެ އަގަކީ8,080,557.86 (އަށްމިލިޔަން އައްޑިހަހާސް، ފައްސަތޭކަ ފަންސާސް ހަތް ރުފިޔާ އަށްޑިހަ ހަ ލާރި) އެވެ.

ގއ. ގެމަނަފުށީގައި ޢިމާރާތްކުރާ މިސްކިތުގެ އަގަކީ 10,190,999.55 (ދިހަ މިލިޔަން އެއްލައްކަ ނުވަދިހަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ފަންސާސް ފަސް ލާރި) އެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި ދެ މިސްކިތަކީވެސް 300 މީހުންގެ ޖާގައިގެ ދެ މިސްކިތެވެ. 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެއްބަސްވެވުނު މި މިސްކިތަކީ އަންހެންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރާ މިސްކިތެވެ.

ހިޔާލު ފާޅުކުރައްވާ !