ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ. މިފުރުސަތު ހުޅުވާލާފައިވަނީ 24 އޮކްޓޯބަރު 2023ގެ ނިޔަލަށެވެ.
ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ 9ވަނަ މާއްދާގެ ރ ގައި، ޢުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ މީލާދީ އަހަރަކު 2 ފަހަރު އިޢުލާންކުރަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މިއީ މިއަހަރުތެރޭ އިޢުލާންކުރެވޭ 2 ވަނަ ފަހަރެވެ.
މި އުސޫލުގެ 9 ވަނަ މާއްދާގައި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ، ޢުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، ހުއްދައަށް ހުޅުވާލުމާއެކު މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި، ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ޝަރުތު ހަަމަވާ ކުންފުނިތަކަށް ހުއްދަދެވޭނީ 2 އަހަރުދުވަހަށެވެ.
ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެެއެވެ.
ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވަނީ 08 އޮކްޓޯބަރު 2023ވާ އަންގާރަދުވަހުން ފެށިގެން 24 އޮކްޓޯބަރު 2023ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުންނެވެ.