ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވައިފިއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރައްވާފައިވަނީ މިކަމަށްޓަކައި މިރޭ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިނިސްޓަރ ޑރ. ޝަހީމް މީގެ ކުރިންވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒްގެ މަޤާމުވެސް އަދާކުރައްވާފައެވެ.
މިނިސްޓްރީގެ އިސްވެރިއެއްގެ ޙައިސިއްޔަތުން މަސައްކަތްކުރެއްވިއިރު ފުރިހަމަ ތަޞައްވުރަކާއިއެެކު އިންގިލާބީ ހެޔޮ ބަދަލުތަކެއް، މިނިސްޓްރީގެ ހިންގުމަށް ވަނީ ގެންނަވާފައެވެ.
ދެވަނަ ފަހަރަށް މިނިސްޓަރުގެ މަޤާމަށް ވަޑައިގަންނަވާއިރު އެމަނިކުފާނުގެ މޭސްތިރިކަމުގައި ކުރިން އުފެއްދެވި ޙައްޖު ކޯޕަރޭޝަން އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމާއި، ޒަކާތު ފަންޑު ތަރައްޤީކޮށް ފުޅާކުރުމާއިއެކު ޒަކާތު ހައުސް އުފެއްދުމާއި، ދިނީ މަޢުލޫމާތު އިތުރަށް ފުޅާކޮށް ފެތުރުމުގެ ގޮތުން ”ހިދާޔަތުގެ އަލި” މަޖައްލާ ނެރުއްވަން ފެެއްޓެވުމާއި، ފަތުވާ ކައުންސިލް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމާއި، ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ޒުވާން ޖީލަށް އިސްލާމީ ތަރުބިއްޔަތު ދިނުމާއި، ޒަމާނަށް ފެތޭ ގޮތަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ތަރައްޤީކުރުމާއި، އަދި ޤައުމީ ޤުރުއާން މުބާރާތް ތަރައްޤީކޮށް ޤުރުއާނުގެ އިލްމާއި މަޢުރިފާ ފަތުރައި ޤުރުއާނުގެ ދިރާސާ ޝާއިޢު ކުރުން އަދި ދިވެހިރާއްޖޭގައި ޤާއިމު ކުރެވިފައިވާ އިސްލާމީ މަރުކަޒުތައް ރަސްމީކޮށް އިފްތިތާޙުކޮށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ މެދުވެރިކޮށް އަތޮޅުތަކުގެ މަރުކަޒުތަކުގައި އިލްމާއި ސަޤާފަތް ފެތުރުމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްލާމިކް ސްޓޫޑިއޯ ތަރައްޤީކޮށް، އިސްލާމިކް ޓީވީ ޗެނަލެއްގެ ގޮތުގައި ޚިދުމަތްދިނުމުގެ އިތުރުން އައުޤާފުތައް އިތުރުކޮށް ދީނީ ފަންޑާއި މިސްކިތު ފަންޑު ތަރައްޤީކުރުންފަދަ ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅުއްވާފައެވެ.
އަލަށް ޢައްޔަންކުރެވުނު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދަށް މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.