ރާއްޖޭގެ ދެކުނުގައި އައި.ޔޫ.އެމްގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒު ޙަވާލުކޮށްފި

ރާއްޖޭގެ ދެކުނުގައި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) ގެ ކެމްޕަސް ހިންގުމަށް ގދ. ތިނަދޫގައި ހުރި އިސްލާމީ މަރުކަޒު ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމާގުޅޭ އެެއްްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުއެވެ.

މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ މިއަދަކީ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާ ދުވަހެއްކަމަށެވެ. އަދި މިފުރުސަތު ފަހިކޮށްދެއްވިކަމަށްޓަކައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް، ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރު ޝުކުރު އަދާކުރެއްވިއެވެ.

ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރުގެ ވާހަކަފުޅުގައި މި އެއްބަސްވުމުގެ ދަށުން އެ ޔުނިވަރސިޓީއަށް ވަރަށްގިނަ ފައިދާތަކެއް ވާނެކަމާއި،  މިހާރު ހުރި ދަތިތައް ޙައްލުވެގެންދާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން އެ ޔުނިވަރސިޓީއަށް ބޭނުންވާ ކްލާސްރޫމްތަކާއި، އޮފީސް ހިންގާނެ ބައެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. މިފަދަ މަރުކަޒުތައް މާލޭގެ އިތުރުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިގެން ދިޔުމުން، އެ ޔުނިވަރސިޓީން ކިޔަވާ ދަރިވަރުންނަށް ފަސޭހަކަމާއެކު ކިޔެވޭނެ ފުރުސަތު ލިބިގެންދާނެކަމަށްވެސް ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުގައި، މި އެއްބަސްވުމާއިއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ފެށިގެން ދިޔުމުގެ ފުރުސަތު މިއަދު ފަހިވެގެން ދިޔައީތީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ކަމެއްކަމަށާއި  މިކަން ކުރިއަަށް މިގެންދެވެނީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުންކަމަށް ވިދާޅުވިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ މަރުކަޒެއް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރުން މުހިންމުކަމަށް ވިދާޅުވެ މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ  އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންފުޅުވަނީ، ޖަމްޢިއްޔާތަކާއި ކުއްލިއްޔާތަކާއި ކޮލެޖް ޔުނިވަރސިޓީތަކާ ގުޅިގެންކަމަށާއި އެހެންކަމުން ހުރިހާ އެއްބާރުލުމަކާ އެހީތެރިކަމެއް މިނިސްޓްރީގެ ފަރާތުން ވެދެއްވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސްކޮލަރޝިޕް ޕްރޮގްރާމާއި، އައިޔޫއެމްގެ ސްޓާފުން ތަމްރީނުކުރުމާއި، ރިސަރޗްގެ ދާއިރާއާއި ފޮތްތައް ޕަބްލިޝްކުރުމާއި ކަންކަމުގައި އެހީތެރިކަން ދެއްވާނެކަމަށެވެ.  ސްކޮލަރޝީޕް ދެވޭނީ ޕީއެޗްޑީ ފެންވަރަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށްކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އުންމީދަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒާއި އެއްގޮތަށް އައިޔޫއެމްއަކީ ބޭރުގެ ޤައުމުތަކުގެ ދަރިވަރުންނަށްވެސް ކިޔެވޭނެފަދަ ޔުނިވަރސިޓީއަކަށް ވެގެން ދިޔުންކަމަށެވެ. އަދި މިއަދު މި ވެވެވުނު އެއްބަސްވުމާއިއެކު މިފެށޭ ސެމިސްޓަރއަށް ކޯސްތައް ފަށަން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އިސްލާމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާއި، އިސްލާމީ ޔުނިވަރސިޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ !