1920 ގައި މަޙުކަމަތުއްޝަރްޢިއްޔާގެ ނަމުގައި އިދާރާއެއް އުފެދުނެވެ. އެންމެ ފުރަތަމަ އިސްލާމްދީނުގެ ކަންކަން މަޙުކަމާއެއްގެ ގޮތުގައި ހިންގަވަން ފަށްޓަވާފައިވަނީ މި އިދާރާއިންނެވެ. މިއީ ފަނޑިޔާރު ބޭކަލެއްގެ މަސްއޫލިއްޔަތުތަކުގެ ކަންތައްތައް ހިންގަވާފައިވާ މަޙުކަމާ ކަމުގައި ވާތީ، އެ މަޙްކަމާއަކީ އިސްލާމްދީނުގެ ކަންތައްތައް އިދާރީ ގޮތުން ހިންގެވި މަޙްކަމާ ކަމަށް ބަލަން ޖެހެއެވެ. އެމަޙްކަމާގެ ވެރިއެއްގެ ގޮތުން ހުންނެވީ އޭރުގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ.
22 ޑިސެމްބަރު 1932 ގައި، ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއްގެ ދަށުން ދިވެހި ދައުލަތުގެ ކަންކަން އިންތިޒާމް ކުރެވި ހިންގަން ފެށުމާއެކު، އެދުވަހު އުފެދުނު ޤާނޫނީ ސަރުކާރުގެ (ލިޔެވިފައިވާ ޤާނޫނު އަސާސީ އެއްގެ ދަށުން ރާއްޖޭގައި ހިންގަން ފެށުނު ފުރަތަމަ ސަރުކާރުގެ) 11 މިނިސްޓްރީގެ ތެރެއިން ދެ މިނިސްޓްރީއަކުން އިސްލާމްދީނުގެ ކަންތައްތައް ބަލަހައްޓަވާފައިވެއެވެ. އެއީ ވުޒާރަތުލް ޙައްޤާނިއްޔާއިން ދީނީ ޝިޢާރު ފާޅު ކުރުމުގެ ކަންތައްތަކާއި، ވުޒާރަތުލް އައުޤާފް އިން މިސްކިތްތަކާއި އިމާމުންނާއި ހުކުރު ކުރުމާއި ޤަބުރުސްތާންތަކާއި ވަޤުފް ބިންތައް ބެލެހެއްޓުމުގެ މަސައްކަތެވެ. ވުޒާރަތުލް ޙައްޤާނިއްޔާގެ ވަޒީރަކަށް ހުންނެވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. އަދި ވުޒާރަތުލް އައުޤާފްގެ ވަޒީރަކަށް ހުންނެވީ އެއްގަމުގޭ އިބްރާހީމް އަލީ ދީދީއެވެ. (އަލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނެވެ.)
29 އޮކްޓޯބަރު 1962 ގައި ވުޒާރަތުލްއައުޤާފަށް އޭރު ހުންނެވި ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ އަވަހާރަވުމާގުޅިގެން އެ ވުޒާރާ އުވިގެން ދިޔައެވެ. އެހިސާބުން އައުގާފުގެ ކަންކަން މާލީ ވުޒާރާއިން އަދި ދީނީ ޝިޢާރު ފާޅު ކުރުމުގެ ކަންތައްތައް އުއްތަމަ ފަނޑިޔާރުގެ ބެލުމުގެ ދަށުންކުރިޔަށް ގެންދެވުނެވެ.
11 ނޮވެމްބަރު 1968 ގައި ރާއްޖޭގައި ޤާއިމުވި ދެވަނަ ޖުމްހޫރިއްޔާ އާއެކު އުފެދުނު ޤާނޫނު އަސާސީގައި ދީނީ ޝިޢާރު ފާޅުކުރުމުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބަޔާންވެފައި އޮތުމާއެކު، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން ދީނީ ޝިޢާރު ފާޅުކުރުމުގެ ކަންކަން ކުރިޔަށް ގެންދެވުމަށް ސަރުކާރުން ނިންމެވިއެވެ. އެއިރު މިނިސްޓްރީ އޮފް ޖަސްޓިސްގެ މިނިސްޓަރަކީ ފަޟީލަތުއްޝައިޚް އަލްއުސްތާޛް މޫސާ ފަތުޙީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ދީނީ ޝިއާރު ފާޅުކުރެއްވުމުގެ ކަންތައްތައް އޭރު ހިންގެވީ އެމަނިކުފާނެވެ.
1982 ގައި ޑިޕާރޓްމަންޓް އޮފް ރިލިޖަސް އެފެއާޒް ގެ ނަމުގައި ދީނީ ކަންތައްތައް ހިންގުމަށް ޚާއްޞަ ޑިޕާރޓްމަންޓެއް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އުފެއްދެވިއެވެ. އެހާ ހިސާބުން ފެށިގެން ރާއްޖޭގެ އިސްލާމީ ކަންތައްތައް ހިންގަވަމުން ގެންދެވީ އެ އިދާރާއިންނެވެ. އެ އިދާރާ ފުރަތަމަ ހިންގެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ރިލިޖަސް އެފެއާޒު ފަޟީލަތުއްޝައިޚް އަޙްމަދު ޝާތިރެވެ.
11 ނޮވެމްބަރު 1993 ގައި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒުގެ ނަމުގައި ދީނީ ކަންކަން ހިންގެވުމަށް ޚާއްޞަ މިނިސްޓްރީއެއް އަލުން އުފައްދަވާ އެމިނިސްޓްރީއަށް އެމެންޑޭޓް ދެއްވިއެވެ. އެ މިނިސްޓްރީގެ މިނިސްޓަރަކީ، ފަޟީލަތުއްޝައިޚުލް އުސްތާޛް މުޙައްމަދު ރަޝީދު އިބްރާހީމެވެ. އަދި އެއަށްފަހު މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒުން އިސްލާމިކް އެފެއާޒް އެ ނަން އަލުން އުނި ކުރައްވާ 6 ނޮވެމްބަރު 1996 ގައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖްލިސް ގެ ނަމުގައި މަޖިލީހެއް އުފައްދަވާ އެމަޖިލީހަށް ދީނީ ކަންކަން ހިންގެވުމުގެ ފުރިހަމަ އިޚްތިޔާރާ ބާރު ދެއްވެވިއެވެ. އެ މަޖިލިހުގެ ފުރަތަމަ ރައީސަކީ ފަޟީލަތުއްޝައިޚް އަލްއުސްތާޛް މޫސާ ފަތުޙީއެވެ.
11 ނޮވެމްބަރ 2008 ގައި އަނެއްކާވެސް ދީނީ ކަންކަން އެއިރުގައި ހިންގަވަމުން ގެންދެވި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް އުވާލައްވާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ނަމުގައި މި މިނިސްޓްރީ އުފައްދަވާ ދީނީ ކަންކަން ހިންގެވުން މި މިނިސްޓްރީއަށް މަތިކުރެވުނެވެ. މި މިނިސްޓްރީގެ އެންމެ ފުރަތަމަ މިނިސްޓަރަކަށް 12 ނޮވެންބަރު 2008 ގައި ޢައްޔަންކުރައްވާފައި ވަނީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއެވެ. އަދި އެއަށްފަހު، 19 ފެބްރުއަރީ 2012 ގައި ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ކަމުގެ މަޤާމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޢައްޔަންކުރެއްވިއެވެ. ޑރ. ޝަހީމްއަށް ފަހު، 06 މެއި 2015 ގައި ޑރ. އަޙްމަދު ޒިޔާދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒުގެ ގޮތުގައި ޢައްޔަންކުރެވުނެވެ. އަދި އެއަށްފަހު، 17 ނޮވެންބަރ 2018 ގައި ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ކަމުގެ މަޤާމަށް ޑރ. އަޙްމަދު ޒާހިރު ޢަލީ ޢައްޔަންކުރެއްވިއެވެ.
Copyright © 2024 | Ministry of Islamic Affairs - Maldives