ހޯމަ ދުވަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޞައިޚް ޑރ. ޞަލާޙުލްބުދައިރުގެ ދަތުރުފުޅާއި ގުޅޭ މަޢުލޫމާތު މީޑިއާތަކާއި ހިއްސާ ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބާއްވާ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މާދަމާ އޮންނާނެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މާދަމާ މެންދުރު 1:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަޠީބު ރާއްޖެއަށް ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ގެނައުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެމަނިކުފާނަށް ދެއްވި ދަޢުވަތެއްގައެވެ. އެމަނިކުފާނު މި މަހުގެ 21ވާ ހޯމަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި އާންމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރަށް ޙަރަމްފުޅެއްގެ އިމާމަކު ރާޢްޖެ ވަޑަިއގެންފައިވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލެވެ.
އެމަނިކުފާނު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވަން ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން ޢަބްދުލް އަޒީޒު ހުއްދަ ދެއްވީ މިދިޔަ ހަފުތާގައެވެ.