ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ އިދާރާ ޤާއިމްކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައިވާކަމަށާއި، ބިން މިލްކު ކުރުމުގެ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފެށިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޒަކާތު ހައުސްގެ ބޭސްފަރުވާގެ އެހީއަށް އެދޭ ޚިދުމަތް ވަންގަވްއަށް ތަޢާރަފްކުރުމަށް މިއަދު ހެނދުނު ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ޒަކާތު ހައުސްގެ އިދާރާ ހުޅުމާލޭގައި ޤާއިމްކުރުމުގެ މަސައްކަތް 2025 ވަނަ އަހަރު ފެށިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި، 2025 ވަނަ އަހަރު ވެގެންދާނީ ޒަކާތު ހައުސްއަށް ފާގަތި އަހަރަކަށްކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޒަކާތު ހައުސް ވެގެން ދާނީ ކުރިއަށް އޮތް ތަނުގައި މުހިންމު ގައުމީ އިދާރާއަކަށްކަމަށާއި އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ މުހިންމު މުއައްސަސާއަކަށް ޒަކާތު ހައުސް ވެގެންދާނެކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާޙްކޮށްދެއްވީ 28 ޑިސެމްބަރު 2024 ގައެވެ. އޭގެ ފަހުން ޒަކާތުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި. އާއްމުން ޒަކާތަށް ހޭލުންތެރިކުރުވުމަށް ޒަކާތު ހައުސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.