ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޒަކާތު ހައުސް އުފެއްދެވުމަކީ ރައީސް އެޅުއްވި ވަރަށް ހަރުދަނާ ފިޔަވަޅެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މީރާގެ ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ޒަކާތު ހައުސް އުފައްދަވާ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ރައީސްގެ އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ މިހާރު ފެންނަމުންދާކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޒަކާތަށް ހޭލުންތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ފާއިތުވެދިޔަ އަހަރަކީ ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިގެންދިޔަ އަހަރުކަމަށާއި މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންގޮސްފައިވަނީ މީރާގައި ޒަކާތުގެ މަސައްކަތް ކުރައްވާ މުވައްޒަފުންގެ ފަރާތުންކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްއިން ކުރިއަށް ގެންދާ އެކި ތަމްރީން ޕްރޮގުރާމްތަކާއި ތަޖުރިބާ ދަތުރުތަކުގައިވެސް މީރާގެ ޒަކާތާއި ގުޅޭ މުވައްޒަފުން ބައިވެރި ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަކުރުމަށް އަލަށް ތަޢާރަފްކުރި ކަންތަކުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި ޤުރުއާން މަރުކަޒުތައް ޤާއިމްކުރުމާއި ހެޔޮ އެކި ކަންކަމަށް ޙައިރާތުގެ ގޮތުގައި ޞަދަޤާތް ކުރުމުގެ ފުރުސަތު ހިމެނެއެވެ.