ޒަކާތުން ފަންޑުން ދެވޭ 50 ސްކޮލާޝިޕާއެކު ރާއްޖޭގެ އިސްލާމީ ޢިލްމުގެ ދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެ – ވަޒީރު

ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމަށް މިއަދު އިޢުލާން ކުރެވުނު 50 ސްކޮލާޝިޕާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމުގެ ދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މި ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އިސްލާމީ ޢިލްމުތަކުން ޤައުމަށް މުހިއްމު ބޭފުޅުން އުފެދެން ޖެހޭކަމަށާއި އިސްލާމީ އިދާރާތައް ހިންގާނެ މީހުން އުފެދެންޖެހޭކަމަށެވެ.

ވަޒީރު ވިދާޅުވީ، އިސްލާމީ ދަޢުވަތު ދޭ ޢިލްމުވެރިންގެ އިތުރުން އިސްލާމީ ޢިލްމާއެކު ހިންގުމުގެ ދާއިރާގެ މީހުންނާއި އިސްލާމިކް ފައިނޭންސިންގ ފަދަ މުހިއްމު ދާއިރާތަކުން މީހުން ބޭނުންވާކަމަށާއި ޤައުމު ކުރިއަށްދާނީ މި ދާއިރާތަކުން މީހުން ބިނާ ވެގެންކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ޒަކާތު ފަންޑުން ހުޅުވާލާ ސްކޮލަޝިޕްތަކަކީ އިސްލާމީ ދާއިރާއަށް ބޮޑަށް ހާއްސަ ކުރެވިފައިވާ ސްކޮލަޝިޕްތަކަކަށް ހެދުންކަމަށެވެ. އަދި މިއީ މި ދާއިރާތަކުން މީހުން ބިނާ ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ އިސްލާމީ ދާއިރާއަށާއި، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް