މި ރަމަޟާން މަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން، ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މާލެއާއި އަތޮޅުތެރޭގައި ބޭއްވި އިޙްޔާ ފޯރަމްތައް ވަރަށް ކާމިޔާބުކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މި ރަމަޟާން މަހު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މާލޭގައި 8 އިޙްޔާ ފޯރަމް، އަތޮޅުތެރޭގައި 7 އިޙްޔާ ފޯރަމް އަދި ދަރިވަރުންގެ 6 އިޙްޔާ ފޯރަމް ބާއްވާފައެވެ. މި ހުރިހާ ފޯރަމްތަކަކަށްވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
ރޭ މާލޭގައި ބޭއްވުނު ފަހު އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިފަހަރު އަތޮޅުތެރޭގެ އިޙްޔާ ފޯރަމް ބޭއްވުނީ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކުގައި ކަމަށާއި އަތޮޅު އިޙްޔާތަކުގެ އިންތިޒާމްތައް ވަރަށް ރަނގަޅުކަމަށާއި ގިނަ އަދަދެއްގެ ރައްޔިތުން ކޮންމެ ރަށަކުންވެސް ހާޒިރުވެފައިވާއިރު، އެކަމުން އެނގިގެންދަނީ ރައްޔިތުންގެ އޮތް ޝައުޤުވެރިކަން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، 2026 ވަަނަ އަހަރު އަތޮޅުތެރޭގައި މިއަހަރަށްވުރެ ގިނަ ފޯރަމްތަކެއް ބޭއްވުމަކީ އަމާޒެއްކަމަށެވެ.