ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ އަގުބޮޑު އިނާމްތައް ދޭ މުބާރަތަށް ހަދާނަން: ރައީސުލްޖުމްހޫރިއްޔާ

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ އެންމެ އިނާމުތައް އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމަށް މިއަންނަ އަހަރުން ފެށިގެން ހަދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކީރިތި ޤުރުއާނަށް މިދިވެހި ފަސްގަނޑުން ޙައްޤު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރުން ފިސާރި ދީލަތިވާނެކަމަށާއި އެކަމަށް ނިހާޔަތަށް ޝައުޤުވެރިވާނެކަމަށެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މެނިފެސްޓޯގެ ވަޢުދުތަކާ އެއްގޮތަށް އެ ފުޅާ މިނުގައި ޤުރުއާނާއި ބެހޭ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ މުޅިން އާ އިމާރާތެއް ކުރުމަށްޓަކައި ބިން ހަމަޖައްސާ އިމާރާތެއް އެޅިގެންދާނެ"

މީގެ އިތުރުން މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަޖެހޭ މާލީ ފުދުންތެރިކަން އިތުރުވާނެ ގޮތްތަކެއް ހޯދުންކަމަށާއި، އެކަމަށްޓަކައި ދެ ވަޤުފް އިމާރާތެއް އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރޭ ކުރިއަށްދިޔަ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒުގެ އިތުރުން ނައިބު ރައީސް އަދި ދަޢުލަތުގެ ވަޒީރުން ބައިވެރިވެލެއްވިއެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް