ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު: އިތުރު ޙާފިޡަކަށް ފުރުސަތު ދެއްވައިފި

ޙާފިޡުން ޢުމްރާއަށް ފޮނުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން އިތުރު ޙާފިޡަކަށް ޢުމްރާ ދަތުރެއް ދެއްވައިފިއެވެ. މިއީ މި މަޝްރޫޢުގެ ދަށުން ޢުމްރާ ދަތުރު އެރުއްވެވި ތިން ވަނަ ޙާފިޡެވެ. މިފަހަރު ޢުމްރާ ދަތުރުގެ ފުރުސަތު އަރުއްވާފައިވަނީ (ދަޑިމަގު، ބެންހާގެ/ ފުވައްމުލަކު ސިޓީ) އަލްޙާފިޡް އަޛިން މުޙައްމަދުއަށެވެ. މިކަން އިޢުލާން ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި މަޝްރޫޢުގެ ދަށުން ޢުމްރާއަށް ފޮނުވާ ފުރަތަމަ ޙާފިޡަކީ، އަލްޙާފިޡް އަލީ ރައީފްއެވެ. ރަޢީފަށްވަނީ މިކަމުގެ ލިޔުންވެސް އަރުވާފައެވެ. މީގެ އިތުރުން ދެން ފުރުސަތު ދެއްވާފައިވަނީ އަލްޙާފިޡް އާސިރު އާރިފް ޔޫސުފަށެވެ.

ޤުރުއާން ހިތުދަސް ކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފައްޓަވާންމަށް ހަމަޖެހިފައިވާކަން ވަޒީރު އިޢުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތުގެ ނިންމުން ފާހަގަކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޤުރުއާން ހިތުދަސްކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢު ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއްކަމަށާއި ޙިފްޡުކުރާ ކުދީން ޢުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއްކަމަށެވެ. އަދި ކަމަށް ޚަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި މި ފަދަ ކަންކަމުގައި މުޖުތުމަޢުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިޢާރުތައް ދެމެހެއްޓުމަށްޓަކައި އަދި ޤުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށް ޓަކައި ވަރަށް ބޭނުންތެރި އެހައިމެ މުހިންމު ކަމެއްކަމަށެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ޙާފިޡުންގެ އަދަދު އިތުރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ. މީގެ އިތުރުން ކީރިތި ޤުރުއާނުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވައިގެން، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ޙާއްސަ އިމާރާތެއް އެޅުމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު ޤުރުއާން މުބާރާތަށް ހައްދަވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ