ރަމަޟާން މަހަށް އިސްތިޤުބާލު ކުރުމަށް މުސްލިކަމު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފް ކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރަމަޟާން މަހުގެ ކުރިން މާހެފުމުގެ ޙުކުމާއި ގުޅޭ ގޮތުން ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ވިދާޅުވީ، ރަމަޟާން މަހުގެ ކުރިން މާހެފުމަކީ ރާއްޖޭގެ ސަޤާފަތުގެ ތެރޭގައި އޮތް އިޖްތިމާޢީ އާދައެއްކަމަަށާއި އެއީ ދީނީ އަޅުކަމެއްގެ ގޮތުން ކުރާ ކަމަކަށް ނުވާތީ ބިދުޢައަކަށް ނުވާނެކަމަށެވެ. އަދި އެކަމުގެ ތެރޭގައި ޝަރުޢުގައި މަނާކުރައްވާފައިވާ ކަމެއް ނުކުރާހާ ހިނދަކު އެކަމަކީ ޖާއިޒުކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހަމަ މިގޮތައް ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން ތަންތަން ކުނިކަހައި ސާފުތާހިރުކުރުމާއި ގެދޮރު ޒީނަތްތެރިކުރުމަކީ ރިވެތި އާދައެއް. ރަމަޟާން މަހަށް އިސްތިޤުބާލުކުރުމުގެ ގޮތުން މުސްލިމަކު ކުރާނެ އެންމެ ހެޔޮ ޢަމަލަކީ އިޚުލާޞްތެރިވުމާއި މަޢާފްކުރުމާއި ތައުބާވުމާއި އަޅުކަމަށް ތައްޔާރުވުން. ރަމަޟާންމަހުގެ ދުވަސްތަކަކީ އަޅުކަމުގެ ސަވާބު އިތުރުކުރައްވާ ބަރަކާތްތެރި ދުވަސްތަކެއް." ވަޒީރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.