އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދުކުރާ ޒުވާން އިމާމުންނާއި ވަޒީރު ބައްދަލުކުރައްވައިފި

ކުރިއަށް އޮތް ރަމަޟާން މަހު މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަދި މަސްޖިދު މަލިކި ސަލްމާންގައި އިމާމްވެ ތަރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވާ ޒުވާން އިމާމުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ އިމާމުންނަށް މަރުޙަބާ ދަންނަވާ ހަވާލުވެލެއްވުނު ބޮޑު މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވެލައްވާ ހިއްވަރު ދެއްވާފައެވެ.

ރަމަޟާން މަހު އިސްލާމީ މަރުކަޒުގައި ތަރާވީޙު ނަމާދު ކުރައްވާނީ، މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދުގެ އިތުރުން އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފްއެވެ. މީގެ އިތުރުން، ފަހު ދިހައިގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒު ސުލްޠާން މުޙައްމަދު ލަޠިފްއެވެ.

ސަލްމާނު މިސްކިތުގައި ރަމަޟާން މަހު ތަރާވީޙު ނަމާދާއި ދަމު ނަމާދު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަލްޙާފިޒް އާދަމް މިޝްއަލް ޝާމިން، އަލްޙާފިޒް މުޙައްމަދު މިޝްއަލް އާޡިމްގެ އިތުރުން އަލްޙާފިޒް އަބްދުﷲ އަޙްސަން ސަޢީދުއެވެ.

ރާއްޖޭގެ އެންމެ ބޮޑު ދެ މިސްކިތުގައި ރަމަޟާން މަހު ޒުވާން އިމާމުންނަށް ފުރުސަތު ދެއްވާފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމީ ލީޑަރުން އުފެއްދެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުންނެވެ.

ފަހުގެ ޚަބަރުތައް

ހިއްސާކުރައްވާ

މުހިންމު ސަފްހާތައް