ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. މަރިޔަމް ޝަބީނާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ބައްދަލު ކުރައްވައިފިއެވެ.
ބުދަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސަފީރަށް މަރުޙަބާ ދަންނަވާ، ވުޒާރާއިން ކުރިއަށް ގެންދާ އެކި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ސަފީރާއި ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިރައްޔިތުންނަށް ޤުރުއާން މުބާރާތް ބޭއްވުމާއި ޤުރުއާން ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖެއްސުމާއި މެލޭޝިޔާއަށް ކިޔަވަން ގޮސް ތިބޭ ދަރިވަރުންނަށް ދިމާވާ ޙާއްސަ ޙާލަތްތަކުގައި ޒަކާތު ފަންޑުން އެހީތެރިވުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.