ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހުގެ ފަހުން ރާއްޖޭގެ 6 ރަށެއްގައި އާ މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއު ފެށުމަށް މަސައްކަތް ކުރައްވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 2025 ވަނަ އަހަރު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކަކީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫކަމަށެވެ. ވަޒީރު ވިދާޅުވީ، މި މިސްކިތްތަކުގެ މަސައްކަތްތައް ނިމޭއިރު ސޯލާއާއި އޭސީ ހަރުކުރެވި ނެވިލޯން އެޅިގެންދާނެކަމަށާއި ކޮންމެ މިސްކިތެއްގައިވެސް ޤުރުއާން ކިޔަވައިދޭ ގޮތަށް ކްލާސްރޫމް ޤާއިމް ކުރެވިގެންދާނެކަމަށެވެ.
އަލަަށް އެޅުމަށް ހަމަޖެހިފައިވާ މިސްކިތްތައް އެޅުމަށް ހަމަޖެހިފައިވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ފަރުމާކޮށްފައިވާ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ އާ ޑިޒައިންތަކަށެވެ. އެގޮތުން 300 މީހުންގެ ޖާގައިގެ މިސްކިތްތަކާއި، 500 މީހުންގެ ޖާގައިގެ މިސްކިތްތައް އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތަކުގެ ކުރެހުން ވަނީ ފަރުމާކޮށްފައެވެ.
އަލަށް އަޅަން ފަށާ 6 މިސްކިތާއެކު، މިހާރުވެސް ކުރިއަށް ދާ 35 މަޝްރޫޢާއެކު ސަރުކާރުން 41 މަޝްރޫޢެއް ކުރިއަަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އަދި އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި 12 މަޝްރޫއެއް މިހާރު ކުރިއަށްދާއިރު މިސްކިތްތަކުގެ މަސައްކަތްތައް އަވަހަށް ނިންމުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.